ޚަބަރު

ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯދުންތަކާއި ހުށަހެޅުންތައް ރައީސަށް އަރުވައިފި


ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯދުންތަކާއި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އަރުއްވައިފިއެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ރިޕޯޓުގެ ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި، މިވަގުތު ދިވެހިރާއްޖެއަށް މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނުއްވާފައިވެއެވެ. މީގެއިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ މިސްރާބަކާގުޅޭ ދިރާސާތައްވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވިދާނެ ގޮތުގެ ލަފައެއްވެސް ހިމަނާފައިވެއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްދެއްވި މި ބުރަ މަސައްކަތައް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއާއި، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ ރުޤިއްޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.