ޚަބަރު

ތިން ސަރަޙައްދެއް އިޤްތިޞާދީ ގޮތުން ހުޅުވާލުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް


ދުނިޔޭގައި ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެގޮތެއް ފަހިކުރުމުގެގޮތުން، ދުނިޔޭގެ ޤައުމުތަކުން ވެސް ޢަމަލުކުރަމުން އަންނަ ފަދައިން، ރާއްޖެއިން ވެސް ޞިއްޙީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް، އިޤްތިޞާދީ ޙަރަކާތްތައް ވަކިހަމަތަކެއްގެ މަތިން ހުޅުވާލުމަށް ގޮވާލާ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ކިޔުން މިއަދު އިއްވި މި ގަރާރުގައި ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ، އާމްދަނީލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި، ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރި އަމާޒެއްގެ ދަށުން މިކަންކުރުމަށް ދިވެހިރާއްޖޭގެ ތިން ސަރަޙައްދެއް އިޤްތިޞާދީ ގޮތުން ހުޅުވާލުމަށް މިފުރުސަތުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ އިޤްތިޞާދުވެސް ހުޅުވާލުމަށްޓަކައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރަށް، ރާއްޖޭގެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެކުނުން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލަންޖެހޭ ކަމަށް އެގަރާރުގައި ބުނެފައިވެއެވެ. އަދި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ބަނދަރުތައް ހުޅުވާލުމުގެ ޕްލޭނެއް އެކުލަވާލާ، މާލޭ ބަނދަރުގެ އިތުރުން އައްޑޫސިޓީގެ ބަނދަރާއި
ކުޅުދުއްފުށީ ސިޓީގެ ބަނދަރު އާގުބޯޓުފަހަރުތަކަށް ހުޅުވާލަންޖެހޭ ކަން ފާހަގަކޮށްފައިވެއެވެ. އަދި އުތުރާއި ދެކުނުގައި ބަނދަރުތައް ހުޅުވިއްޖެނަމަ ސަރުކާރާއި ޢާއްމު ވިޔަފާރި ތަކުގެ ގުދަންތައް އެސަރަޙައްދުތަކުގައި އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެސަރަޙައްދުތަކާ ކައިރިއަތޮޅުތަކަށް އިޤްތިޞާދީ ގޮތުން މިކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބި، މާލޭގައި ތޮއްޖެހިފައިވާ މާޙައުލަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ދަނޑުވެރި ރަށްތަކާއި ބިންދޫކުރުމުގެ ނިޒާމެއް ހަމަޖައްސާ، ދަނޑުވެރިންނަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ 6 މަސް ދުވަހު ދަތި އުނދަގޫތަކުގައި ހޭދަކުރުމަށްފަހު ޤައުމުތަކަކުން ގެންދަނީ، އެތަންތާނގެ އިޤްތިޞާދު ހުޅުވަމުންނެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ޤައުމުތަކާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން، ސިއްޙީ ރައްކާތެރިކަމުގެ ބަންދަށް އިޤްތިޞާދީ ހަރަކާތްތައް ގެންދަނީ ހުޅުވަމުން ކަމަށާއި މިބައްޔާ ކުރިމަތިލި "ނިޔުޒިލެންޑް" ވަނީ ޢާއްމު ޙާލަތަށް ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމުގެ ޢަމަލީ މަރުޙަލާތައް ފަށާފައިކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގެ އިޤްތިޞާދު ހުޅުވާލުމުގައި ރާއްޖޭގައި މިބަލި ފެތުރިފައިވާ ސަރަޙައްދުތަކަށާއި، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ޖިއޮގްރަފިކަލް ގޮތުން އެތުރިފައިވާ ގޮތަށާއި، އެ ސަރަޙައްދުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކާ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ޤާއިމުވެފައިއޮތް މިންވަރަށް ބަލައިގެން، އެންމެ އެކަށީގެންވާ ސަރަޙައްދުތައް އެކި މަރުޙަލާތަކުގައި ހުޅުވަންޖެހޭކަމަށް ޤަބޫލުކުރާ ކަމަށް މިގަރާރުގައިވެ އެވެ.

އަދި ބަލިމަޑުކަމުން އަރައިގަންނަންދެން، އިޤްތިޞާދު ހުއްޓާލައިގެން ތިބެންޖެހޭ މުއްދަތު
ދިގުލައިގެންދާނަމަ، އިޤްތިޞާދީ ތަދުމަޑުކަމެއްގެ ނިކަމެތިކަމާއި ކުރިމަތިލާންޖެހޭ ރައްޔިތުން، ބަލިޖެހޭ މީހުންނަށްވުރެ ގިނަވުމުގެ ބިރު ނުހަނު ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

މަޖިލީހަށް ހުށައެޅި މި ގަރާރަށް ބަހުސް ކުރުން އޮންނާނީ ތިން ދުވަހުގެ މުއްދަތެއް މެމްބަރުންނަށް ދިނުމަށްފަހުއެވެ.

ދުނިޔެއަށް ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުގައި، ދުނިޔޭގެ 188 އަށްވުރެ ގިނަ ޤައުމާއި ސަރަޙައްދު ހިމެނޭއިރު، މިބަލީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.