ޚަބަރު

މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުންނަށް އިނާޔަތްދޭން ޤާނޫނުގައި ހިމަނަނީ


ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހްތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ މިންވަރާއި ވަޒީފާ ނެތް މީހުންނަށް އިނާޔަތްދޭން ކަނޑައަޅަން މެމްބަރުން ބޭނުންވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސްކުރުމުގެ މަރުހަލާގައި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުން ވަނީ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހްތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރަ ތިން ގިންތި އަކަށް ބަހާލައިގެން ދިނުމަށާއި ދޭން ޖެހޭ މިންވަރު އެ ބިލްގައި ކަނޑައަޅަންވެސް މެމްބަރުން ތާއީދުކުރައްވާ ވާހަކަ ދެއްކެވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް މިހާރު ހުށައަޅާފައިވާ ބިލްގައި ވަޒީފާ ދޭ ފަރާތުން ވަޒިފާއާ ބެހޭ އެއްބަސްވުން ނުހަދާނަމަ ޖޫރިމަނާ ކުރަން ވަނީ ހުށައަޅާފައެވެ. އަދި ވަޒީފާގެ ޕްރޮބޭޝަން ގޮތުގައި 6 މަސް ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް މި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ 6 މަސް ދުވަހަކީ ގިނަ މުއްދަތެއް ކަމަށް ވިދާޅުވެ މިހާރު އޮތް ގޮތައް 3 މަސްދުވަސް ގޮތުގައި ބޭއްވުމަށް ތާއިދުކުރައްވާފައެވެ. ނަމަވެސް އަނެއް މެމްބަރުން 6 މަސް ދުވަސް އެއީ އެއީ އެންމެ ރަނގަޅު މުއްދަތު ކަމަށްވެސް ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު އެއާއެކު ޕެންޝަން ފަންޑަށް ނަގާ ވަރު މިހާރަށް ވުރެ ކުޑަ ކުރަން ޖެހޭނެ ކަމަށެވެ. ނޫންނަމަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދިޔަ އަތައް ލިބޭ މިންވަރު ބޮޑު ނުވާނެ ކަމަށް ފާހަގަ ކުރައްވާފައެވެ.

ހަމަ އެހެންމެ އެންމެ ކުޑަ އުޖޫރަ ދިނުމަށް ގާނޫނުން ލާޒިމްކޮށް ބިލް ފާސްކުރާއިރު ގާނޫނު ތަންފީޒުކުރަން ފަށާނެ ތާރީޚެއް ކަނޑައެޅުމާމެދު ކޮމެޓީ މަރުހަލާގައި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ. މިބިލަށް ވާހަކަދައްކަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ވިދާޅުވީ މިނިމަމްވޭޖް ދޭން ލާޒިމްކުރުމަށްފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތައް އޮތުން ރަނގަޅު ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު ހަ މަސްދުވަހަށް ބަދަލު ކުރަން އެންމެ ރަނގަޅުގޮތް ކަމަށެވެ. އަދި އެހެންމެ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ވަޒީފާގެ ހައްގުތައް ކަށަވަރު ޔަގީންކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ތާއީދުކުރަނީ ކުރިން އޮތް ގޮތައް ތިން މަސް ދުވަހު އޮތުމަށް،" ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ސަލާމް ބުނުމުގައި މެޑިކަލް ލިޔުމަކާ ނުލާ މުސާރަ ލިބޭ ގޮތައް 30 ދުވަހުގެ ޗުއްޓީ ދޭން ލާޒިމްކުރުން އެ ބިލްގައި ހުށައަޅާފައި އޮތް ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނަ ކަމަށާއި އޭގެ ތެރެއިން 15 ދުވަހަކީ ޑޮކްޓަރު މެޑިކަލް ސެޓްފިކެޓަކާއެކު ދޭ ޗުއްޓީއަކަށް ވާން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ވަޒީފާ ނެތް މެމްބަރުނަށް އިނާޔާތް ދިނުމަށް ލާޒިމްކޮށް އާ ބާބެއް މި ބިލްގައި ހިމެނުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ކުޑަ އުޖޫރަ ދިނުމުގެ ވައުދު އަވަސްކުރަން ޖެހޭ ކަމަށާއި އެންމެ ކުޑަ އުޖޫރަ ވާން ޖެހޭނީ އަސާސީ މުސާރަ އެކަނި ކަމަށާއި އެންމެ ކުޑަ އުޖޫރައަށް ދޭން ޖެހޭ މިންވަރު އެހެނިހެން އިނާޔަތްތަކާއެކު ހަމަކޮށްގެން ނުވާނެ ކަމަށް ޖިހާން ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލްގައި ރިސޯޓް މުވައްޒަފުނަށް ސަރވިސް ޗާރޖް ދިނުމަށް ލާޒިމްކުރުމާ އަދި ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ގާނޫނުގައި ހިމަނާފައިވެއެވެ.