ޚަބަރު

ކޯވިޑް-19 : އަތޮޅުތަކުގައި ޖަނާޒާގައި ބައިވެރިވުމަށް ހުރަހެއް ނެތް، ނަމަވެސް ސިއްޙީ ޚިދުމަތްތެރިއަކާއެކު!


އާއިލާގެ ނުވަތަ ގާތް މީހުންގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، ފުރަބަންދުގައި އަޅަފައިވާ ބައެއް ފިޔަވަޅުތަކަކަށް ލުއިތަކެއް ދީފައިވާއިރު، ރަށްރަށުގައި ދިރިއުޅޭ އެންމެ ގިނަ ބަޔަކު އެދެމުންދާ އެއްކަމަކީ ޢާއިލީ ނުވަތަ ގާތް މީހުންގެ ޖަނާޒާގައި ބައިވެރިވުމުގެ ހުއްދައަކަށްކަމަށެވެ.

ޑރ.ނަޒްލާ ވިދަޅުވީ ކޮންމެ ކޮންމެ ޖަނާޒާއަކަށް ދިއުމަކީ ރައްކާތެރިކަމެއް ނޫންކަމަށާއި، ނަމަވެސް އާއިލާ މީހެއްގެ ނުވަތަ ގާތް މީހެއްގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ނަމަވެސް ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ އެރަށެއްގެ ސިއްޙީ ޚިދުމަތްތެރިއެއްގެ ބެލުމުގެ ދަށުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަށަވަރުކުރަން ޖެހޭނެކަމަށްވެސް ޑރ.ނަޒްލާ ވިދަޅުވިއެވެ.

"މިހާރުވެސް ސުވާލު އެބަކުރައްވާ ފުރަބަންދުގަ ގޭގަ ހުންނަ މީހަކަށް މިގޮތަށް މީހެއްގެ ޖަނާޒާއަށް ދެވިދާނެތޯ. އޭގެ ޖަވާބަކީ ދެވިދާނެ. ނަމަވެސް އަޅުގަނޑުމެން އެދެނީ ކޮންމެ ކޮންމެ ޖަނާޒާއަކަށް ނުދިއުމަށް. ހަމައެކަނި ވަރަށް ގާތް އަދި އާއިލާމީހެއްގެ ވެއްޖާ ދެވޭނީ. އަދި ދެވޭނީ ވަކިކަހަލަ ކަންތައްތަކެއް ފުރިހަމަކޮށްގެން. ފުރަތަމަ ކަމަކަށް އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުގެ ސިއްޙީ އެހީތެރިއެއްގެ ބެލުމުގެ ދަށުން އެބޭފުޅަކާ އެއްކޮށް ދެވޭނީ. އަދި މާސްކު އަޅާ ރައްކާތެރިކަމާއެކު ދެވޭނީ. ފިޒިކަލް ޑިސްޓެންސް މެއިންޓެއިން ކުރާގޮތަށް ދެވޭނީ. " ޑރ.ނަޒްލާ ވިދަޅުވިއެވެ.

ޑޮކްޓަރ ނަޒްލާ ވިދަޅުވީ، ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރުމުގެ ހުއްދައަށްވެސް އެޗްޕީއޭގައި ގިނަ ބަޔަކު އެދެމުންދާކަމަށެވެ. ނަމަވެސް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަކީ ކޯވިޑް-19 ޖެހުމުގެ ނުރައްކާ އެންމެ ބޮޑު އެއްބައެއްކަމަށާއި، އެހެންކަމުން އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރުމުގެ ހުއްދަ ދެވެން ނެތްކަން ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.