ޚަބަރު

ކޯވިޑް-19 : ރަނގަޅުވި މީހުންގެ އަދަދު 800އަށްވުރެ މައްޗަށް


ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވި މިހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 800 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އިތުރު 64 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 827 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އެންއީއޯސީން މިހާރުވަނީ ދިފާއީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19 އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށްހަދާ ޕީސީއާރު ޓެސްޓު ނުހަދާގޮތަށް ނިންމާފައެވެ. ރާއްޖޭގައި ކުރިން ކޯވިޑް-19 ޖެހޭ މީހުން ދޫކޮށްލަނީ ބަލިން ރަނގަޅުވުމަށްފަހު ޕީސީއާރު ޓެސްޓްހަދާ އެމީހަކު ދެފަހަރަށް ނެގެޓިވްވުމުންނެވެ.

ކޯވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ އާދެ ރޯގާއެއް ނުވަތަ އެނޫންސްވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތުތަކަކަށް ބެލުމަށްފަހުގައިކަމަށް އެޗްޕީއޭން ވަނީ ހާމަކުރައްވާފައެވެ.

މިމަހުގެ މިހާތަނަށް ރައްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 259 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިމިހުގެ މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު:
- 1 ޖޫން 2020 ގައި 3 މީހަކު ވަނީ ރަނގަޅުވެފަ
- 2 ޖޫން 2020 ގައި 37 މީހަކު ވަނީ ރަނގަޅުވެފަ
- 3 ޖޫން 2020 ގައި 36 މީހަކު ވަނީ ރަނގަޅުވެފަ
- 4 ޖޫން 2020 ގައި 4 މީހަކު ވަނީ ރަނގަޅުވެފަ
- 5 ޖޫން 2020 ގައި 69 މީހަކު ވަނީ ރަނގަޅުވެފަ
- 6 ޖޫން 2020 ގައި 46 މީހަކު ވަނީ ރަނގަޅުވެފަ
- 7 ޖޫން 2020 ގައި 64 މީހަކު ވަނީ ރަނގަޅުވެފަ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ އިންސައްތަ މިހާރު ވަނީ 43 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި މިހާރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 8 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ.