ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުން ފާތިމަތު އާމިރާ ވަކިކުރުމަށް މަޖިލީހުގެ ރިޔާސަތުން ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަނުގެ 4 މެމްބަރުން ވަކިކުރަން ނިންމާފައިވަނިކޮށް، އެންމެ ފަހުން އެކޮމިޝަނަށް އައްޔަނުކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް މެމްބަރުކަމުން ވަކިކުރުމަށްޓަކައި ކޮމިޓީން ފާސްކޮށް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އާމިރާ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައި ވަނީ އޭނާ ކޮމިޓީއަށް ދެއްވާފައިވާ މައުލޫމާތު ތަކުގައި އޮޅުވާލުުންތަކެއް ހިމެނޭތީ އާއި އަދިވެސް ކޮމިޓީގެ ބައެއް މެމްބަރުންނަށް ފާހަގަކުރެވުނު ކަންތައްތަކާއި ގުޅިގެންނެވެ.
ކޮމިޝަންގެ މެމްބަރުކަމުން އާމިރާ ވަކި ކުރައްވަން ހުށަހަޅުއްވާފައި ވާއިރު މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރެއްގެ މައްސަލަ ބަލައި އެކި ފަހަރުމަތީން އެބޭފުޅުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ކޮށްފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައި އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.
މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަޤާމުން ވަކިކުރުމުގެ މައްސަލަ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންދެއެވެ.