ތަރައްްޤީ

އައު ކާރގޯ ޓަރމިނަލްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ކާރގޯ ޓަރމިނަލަށް ބޭނުންވާ ހުރިހާ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.

ވީ.އައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުލޭގައި ޢިމާރާތްކުރާ އައު ކާރގޯ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. އައު ކާރގޯ ޓަރމިނަލްގެ މަސައްކަތް ކުރަމުންދަނީ އައު ރަންވޭގެ މަސައްކަތްވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީންނެވެ.

އެމް.އޭ.ސީ.އެލުން ވިދާޅުވީ، އައު ކާރގޯ ޓަރމިނަލްގެ ޢިމާރާތް ހިޔާކޮށް، ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި، ޑްރައިވޯލް ފްރޭމްތައް ހަރުކުރުމާއި، ފިޔުލް ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން ކާރގޯ ޓަރމިނަލްގެ ފަޔަރ ޕަމްޕް ހައުސްއަށް ބޭނުންވާ ވޯލް އެންޑް ސްލެބް ފޯމްވޯރކްސް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، 2021 ވަނަ އަހަރުގެ ކުރީކޮޅަށް ކަރގޯ ޓަރމިނަލްގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ މި ކާރގޯ ޓަރމިނަލަކީ 12 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އަލަށް ތަރައްޤީކުރާ ކާރގޯ ޓަރމިނަލަކީ މިހާރު ބޭނުންކުރާ ޓަރމިނަލަށްވުރެ 50 އިންސައްތަ ޖާގަ ބޮޑު ޓަރމިނަލެކެވެ. އަދި މިތަނުން އަހަރަކު 120 ހާސް ޓަނުގެ މުދާ ގުދަންކުރެވޭނެ ކަމަށްވެސް އެމް..އޭ.ސީ.އެލުން ވިދާޅުވެއެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރާ އައު ކާގޯ ޓަރމިނަލާއެކު އެއަރޕޯޓުން ފޯރުކޮށްދޭ މުދާ ލޯޑްކޮށް، އަންލޯޑްކުރުމުގެ ޚިދުމަތްތަކަށް ހަލުވިކަމެއް އަންނާނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.