ކޯވިޑް-19އަށް ވެކްސިނެއް ތައްޔާރުކުރަމަށް ކުރިމަގުގައި ކުރާ ތަހުލީލުތަކުގައި ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކުރާނެކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެތުރުނު ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ ގިނަ ޤައުމުތަކާއި ޖަމާޢަތްތަކުންދަނީ މަސައްކަތްކުރަމުންނެވެ. ވެކްސިނެއް އުފެއްދުމުގެ އުންމީދުގައި ޗައިނާއިންވެސްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ޢާންމުކުރި މަޢުލޫމާތުން އެނގޭ ގޮތުގައި އިންސާނުން ބޭނުންކޮށްގެން ކުރަމުންދާ ވެކްސިން ތަހުލީލުތަކުގެ ދެބައިކުޅަ އެއްބައި ކުރިއަށްދަނީ ޗައިނާގައެވެ. ޗައިނާގެ ސައިންސުވެރިންގެ ތަފާތު ފަސް ޖަމާޢަތަކުންދަނީ ވައިރަހާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރަމުންނެވެ.
މިދިޔަ މަހު ވޯލްޑް ހެލްތު އެސެންބްލީގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންވަނީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގައި ޗައިނާއިން ކާމިޔާބު ހޯއްދިއްޖެނަމަ އެ ވެކްސިން ދުނިޔޭގެ ހުރިހާ ޤައުމަކަށް ލިބޭނޭ މަގު ތަނަވަސް ކުރައްވާނެކަމަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަތްފޯރާ އަގެއްގައި ވެކްސިން ގަންނަން ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ ސައިންސާއި ޓެކްނޮލޮޖީއާބެހޭ ވަޒީރު ވޮން ޒިގަން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ހޯއްދުމަށް އެންމެ މުހިންމު ވަޞީލަތެއްކަމަށް ޗައިނާއިން ދެކެނީ ވެކްސިންކަމަށެވެ. ނަމަވެސް ވެކްސިނެއް އުފެއްދުމަކީ ވަރަށް އުނގަދޫ އަދި އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ ކޯވިޑް-19އާ ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު ޗައިނާއިން ޙިއްޞާކޮށްފައިނުވާކަމުގެ ތުހުމަތުކޮށްފައެވެ. ނަމަވެސް ޗައިނާއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލުގެ އިންފޯމޭޝަން އޮފީހުން ނެރުނު ކަރުދާހެއްގައިވަނީ ކޯވިޑް-19ގެ މައްސަލައިގައި ދުނިޔޭގެ ހުރިހާ ޤައުމަކުން އެކުގައި މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްނުކުރުމަށް ގޮވާލައިފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ސިޔާސީ ހަތިޔާރަކަށް ނުހެދުމަށް އެ ކަރުދާހުގައިވަނީ ގޮވާލައިފައެވެ. ނަމަވެސް އެ ބަޔާނުގައި ވަކި ޤައުމެއްގެ ނަން ފާހަގަކޮށްފައެއް ނުވެއެވެ.