ވިޔަފާރި

ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓުގައި 34 ޓަނުގެ މުދާ މިއަދު ގެނެސްފި


ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ކާގޯ ފްލައިޓުގައި މިއަދު އެކަނިވެސް 34 ޓަނުގެ މުދާ ރާއްޖެ ގެނެސްފިއެވެ.

ކާގޯ ދަތުރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ކާގޯ ފުލައިޓްގައި އާންމުގޮތެއްގައި ގެންނަނީ ތަރުކާރީ، މޭވާ އާއި ސިއްޙީ ބައެއް ސާމާނު ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސްވެސް ޙާއްސަ އިސްކަމެއްދީގެން ގެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އެއަރލައިންސްގެ ކާގޯ ދަތުރުތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. ޑިމާންޑަށް ބެލުމަށްފަހު އިތުރު ފުލައިޓް ބާއްވަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.

އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ކުރިން ޗާޓަރ ދަތުރުތަކުގައިވެސް ރާއްޖެއަށް ކާގޯ ވަނީ ގެނެސްފައެވެ. އޭޕްރީލްމަހު ކާގޯ ގެނައުމަށް ޗާޓަރ 9 ފުލައިޓް ބާއްވާފައިވާއިރު، މޭމަހުގެ ތެރޭގައި ވަނީ 14 ދަތުރު ކޮށްފައެވެ. އަދި ކޮންމެ ދަތުރެއްގައި އާންމުގޮތެއްގައި 28 ޓަނާއި، 18 ޓަނާއި ދެމެދުގެ އަދަދަކަށް މުދާ ގެނެސްފައިވެއެވެ.

ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ.