ޚަބަރު

ޑރ އަފްޒަލް ފުރަބަންދު ހޭދަކުރެއްވީ ދެފައިވާނުގެ ދެކިބައިގައި


ކޯވިޑް 19ގެ މި ހާލަތުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ބަޔަކީ ޙާލަތާއި ގުޅޭ މަޢުލޫމާތުއެއްކުރުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. މި މަސައްކަތުގައި އެންއީއޯސީގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ އެއް ބޭފުޅަކީ އެޗްޕީއޭގެ އެފިޑިމިއޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލްގެ ޓީމެވެ. ޑރ.އަފްޒަލްއާއި ޓީމުން 14،000 އަށްވުރެ ގިނަ ޕޮއިންޓަށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރެއެވެ.

ކޯވިޑް ބަލި މަޑުކަން އެންމެ ފުރަތަމަ ޗައިނާއި ފެނި އެ ބަލީގެ ވާހަކަތައް ދެކެވެން ފެށި ހިސާބުން ރަޢްޖޭގައިވެސް އެ ބައްޔަށް ތައްޔާރުވުމުގެގޮތުން މަސައްކަތް މަސައްކަތް ފެށިއެވެ. ފުރަތަމަ ބައްޔާއި ބެހޭ ގޮތުން އޭރު ލިބެމުންދިޔަ މައުލޫމާތުތައް ޑޮކްޓަރުން އެެއްކުރަން ފެށިއެވެ. އެއާއި އެކު ދިވެހިންނަށް އެެ މައުލޫމާތައް ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ މައުލޫމާތުތައް ހިއްސާކުރަމުން އައީ ވީޑިއޯ ސްޕޮޓްތަކާއި ސޯޝަލް މީޑިއާގައެވެ. އެއަށްފަހު އެކި ޑޮކްޓަރުން ފެނަލްތަކަށް އަރާ މި ބައްޔާއި މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މައުލޫމާތު ވަރުބަލިކަމެއް ނެތި ދިވެހިންނާއި ހިއްސާކުރަމުން ދިޔައެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކުން ދިވެހި ހުރިހާ ރައްޔިތުންނާއި ކޮންމެ ދުވަހަކުވެސް ބައްދަލުކުރަމުންދިޔަ މޫނުތަކަކީ ދިވެހިންނަށް މުޅިން އާ މޫނުތަކަކެވެ. މީގެކުރިން ގިނަ ބަޔަކަށް ނޭގޭ ތަރުޖަމާނަކާއި މަދުބަޔަކަށް ނޫނީ ނޭގޭ ޑިރެކްޓަރ ޖެނެރަލަކާއި ދެކެފަރިތަ ނޫން ޑޮކްޓަރުންތަކެކެވެ.

މި ޕްރެސް ކޮންފަރެންސްތަކުން އެންމެނަށް ފާހަގަވެގެން ދިޔަ އެއް މޫނަކީ ކޮންމެ ރެއަކުވެސް ދިވެހިންނާއި ބައްދަލުކޮށް މި ބަލިން ރައްކާތެރިވުމަށް މުހިއްމު މެސެޖްތައް ދެމުން އަންނަ ޑރ. އިބްރާހިމް އަފްޒަލްއެވެ. އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލްއަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ގުޅޭ ތަފާސް ހިސާބުތައް ހެލްތު މިނިސްޓްރީގައި، ބަލަހައްޓަމުން ގެންދަވާ ޑޮކްޓަރެވެ. މުޅި ރާއްޖޭގެ، ގައިންގައިން ގަޔަށް ނާރާ ބަލިތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، އެމެޖެންސީ ހެލްތް ޕްރޮގްރާމްތަކާއި، އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަން މަސައްކަތުގެ ދަށުން ރާއްޖޭގެ ޕޯޓުތަކުން ބަލިތައް އެތެރެވިޔަ ނުދިނުމަށް އަޅަންޖެހޭ ފިިޔަވަޅުތައް އެޅުމުގައިވެސް އެންމެ އިސްކޮށް މަސައްކަތްކުރައްވަނީ ޑރ.އަފްޒަލްއެވެ. މިމަސައްކަތުގައި ޑރ. ނަޒްލާ ބަލަހައްޓަވަނީ ކޮންޓްރޯލްގެ ބައެވެ. އަދި ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ބައި ބަލަހައްޓަވަނީ ޑރ.އަފްޒަލްއެވެ. މިއީ އަހަރަމެންނަށް ނޭނގި ޓީވީ ސްކްރީންގެ ފުރަގަހުގައި ޑރ.އަފްޒަލް އުފުއްލަވަމުންދާ ބުރަ ޒިންމާއެވެ

ކޯވިޑްގެ މި ޙާލަތަށް ބަލާއިރުވެސް އެންމެ ބޮޑު އެއް ޒިންމާއެވެ. ފުރަތަމަ މަސައްކަތްފެށީވެސް ރާއްޖެއިން މި ބަލި ފެންނާނެކަމަށް ބަލައި، ރިސްކް ބޮޑު ޤައުމެއްގެ ގޮތުގައި ބަލައިގެންކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި އެކި ލެވެލްތަކުގައި ނުރައްކާވާނެ މިންވަރުތައްވެސް ދިރާސާ ކުރަންފެށިއެވެ. ކުރިން ހަދާފައިވާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ޕްލޭނާއި އެއްގޮތަށް ޢަމަލުކުރަން ފަށާ، އަދި ޙާލަތާއި އެއްގޮތަށް ބަދަލުތައް ގެންނަން ފެށިއެވެ.

ރާއްޖޭގެ ޙާލަތަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު އަހަރަމެންނާއި ހަމައަށް ފޯރުކޮށްދެނީ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސިލްސިލާކޮށް ކޮންމެ ރެއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޮންމެ ރެއަކު ޑރ.އަފްޒަލް ޕްރެސްކޮންފަރެންސްއިން އަޅުގަނޑުމެންނަށް ފެންނަނީ މި ސަބަބަށްޓަކައެވެ. ކޯވިޑާއި ގުޅިގެން ބަލި ފެތުރެމުންދާގޮތާއި، ޙާލަތަށް އަންނަ ބަދަލުތަކާއި، ތަފާސް ހިސާބުތަކުން ފާހަގަވާ ކަންކަން ދިރާސާކޮށް، ކުރިއަށްހުރި އަންދާޒާތަށް ކަނޑައަޅަނީ ޑރ.އަފްޒަލް ޑރ ގެ ޓީމުންނެވެ.

"ކޮންމެ ދުވަހަކު ހަދާ ގްރާފްތަކާއި، ވީކްލީ ހަދާ ގްރާފްތައް ހުންނަނީ. މިސާލަކަށް ބަލި ކުރިއަށްދާ ޓްރެންޑް އިނގޭނީ ހަފްތާއެއްހާ ދުވަހު އެއްކުރާ މަޢުލޫމާތުން. ބަލިފެތުރޭ ހިސާބުތައް، ކޮންބަޔަކަށްތޯ، ކޮންޖިންސަކަށްތޯ ކޮންއުމުރުފުރައެއްތޯ ކޮން ޤައުމުތަކަކަށް ނިސްބަތްވާ މީހުންތޯ ނޫނީ އެބަ ބެލޭ ކޮންކަހަލަ މަސައްކަތްތަކެއްގައި އުޅޭ މީހުންނެއްތޯ، ފްރަންޓްލައިންގައި އުޅޭ މީހުންގެ ބަލިޖެހޭ އަދަދަކީ ކޮބައިތޯ އެބަ ބެލޭ". ޑރ.އަފްޒަލް ވިދާޅުވިއެވެ..

ކޯވިޑް 19އަކީ އާ ބައްޔަކަށްވުމާއިއެކު މި ބަލީގެ މަޢުލޫމާތުތަށް އެއްކުރުމުގައިވެސް ގެންގުޅެނީ ޑަބްލިއުއެޗްއޯ އާއި، ބައިނަލްއަޤްވާމީ ސިއްޙީ އިދާރާތަކުން ފާހަގަކުރާ މިންގަނޑުތަކެވެ. ޑރ.އަފްޒަލްގެ ޓީމުންވެސް މި މަސައްކަތްކުރައްވަނީ މި މިންގަނޑުތަކަށް ބަލައިގެން، ނަމަވެސް ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށްގެންނެވެ. އަދި މަސައްކަތްކުރުމަށް ރާއްޖޭގައި މިމަސައްކަތުގެ ތަޖުރިބާކާރުންނާއި އަދި އިތުރަށް ވޮލަންޓިއަރުންވެސް ބައިވެރިކުރިއެވެ. މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ޑރ.ނަޒްލާއާއި ޑރ.ޝީނާ މޫސާ ފަދަ މިދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާ."

މަޢުލޫމާތު އެއްކުރުމުގައި މަސައްކަތްކުރާ ޓީމަކީވެސް ޚާއްސަ ތަމްރީންތަކެއް ދެވިފައިވާ ބައެކެވެ. ޑޮކްޓަރ ވިދާޅުވީ މަސައްކަތް ފެށިގެން އައިއިރު މިކަމުގައި ދަތިތަށް ހުރިކަމަށެވެ. އާކުދިންތަކެއް މަސައްކަތުގައި ބައިވެރިކުރަންޖެހުމާއި، އަދި މަޢުލޫމާތު އެއްކުރުމުގައިވެސް އެކި ކުދިން ފުރަތަމަ ގެންގުޅެމުން އައީ އެކިގޮތްތައްކަމުން، އެކަންކަން ޙަލުކޮށް މިހާރު ޑޭޓަރ އެންޓަރކުރުމުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަކޮށްފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަދި މިކަމުގައި އިސްކޮށް އުޅުއްވާ ޓީމްގެ ލަފަޔާއިއެކު، ރަޢީސް އޮފީހުގެ އައިޓީ ޓީމް ގުޅިގެންވަނީ ރާއްޖޭގެ ކޯވިޑް19ގެ ޙާލަތާއި ގުޅޭ މަޢުލޫމަތު އެއްކުރުމަށް ޚާއްސަ ޑޭޓަރބޭސްއެއްވެސް ހަދާފައެވެ.

"އެކްސްޕަރޓްސް އޮޕީނިއަން ވަރަށް ބޮޑަށް އެބަ ހޯދަން. މިހާރުވެސް ހާހުން މަޢުލޫމާތު އެއްކުރެވިފައި އެބަހުރި. ޖުމްލަކޮށް ބަލަންޏާ ޖުމްލަ 14,000 އަށްވުރެ ގިނަ ޕޮއިންޓަށް މަޢުލޫމާތު އެބަ އެއްކުރެވޭ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރ އަފްޒަލްގެ މަސައްކަތުގައި ކޮންމެ ދުވަހަކުވެސް އެންމެ ބޮޑު ޒިންމާއަކަށްވާ ވަގުތަކީ މި އެއްކުރާ މަޢުލޫމާތު އާއްމުންނާއި ހަމައަށް ފޯރުކޮށްދޭން ލިބޭ އެއް ގަޑިއިރުގެ ވަގުތެވެ. ޕްރެސް ކޮންފަރެންސްގެ ވަގުތަކީ ކޮންމެ މީހަކުވެސް ކޮންމެ ރެއަކު 10 ޖަހާއިރު ވަގުތު ހުސްކުރާ ގަޑިކޮޅެވެ. ހުރިހާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯތައް އަދި އޮންލައިން ނޫސްތަކުގެ އެހެނިހެން މަސައްކަތްތައް ހުއްޓާލައި، ޕްރެސްގައި ގެނެސްދޭ ކޯވިޑާއި ގުޅޭ ޚަބަރުތައް ގެނެސްދިނުމަށް ހުސްވެއެވެ.

މި މުހިންމު މަސައްކަތަށް ތައްޔާރުވުމަށް ޑރ.އަފްޒަލް ކޮންމެދުވަހަކުވެސް އެތައް ވަގުތެއް ހޭދަކުރެއެވެ. ޕްރެސްއަށް އެރުމަކީ ޑޮކްޓަރ އަފްޒަލް މާކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ގައިންގަޔަށް އަރާ ބަލިތަކާއި ގުޅޭ މަޢުލޫމާތުދިނުމަށް މަދުން ނަމަވެސް ކުރިން ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޑރ އަފްޒަލަށްވަނީ ބައިވެރިވާން ޖެހިފައެވެ. ކޮންމެވެސް ވަރަކަށް ހިތްނުތަނަވަސް ވިނަމަވެސް މިހާރު މިކަމަށް އާދަވެފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ޕްރެސްއަކީވެސް ޗެލެންޖެއްކަން ޑޮކްޓަރ އަފްޒަލް ފާހަގަކުރެއްވިއެވެ. ޕްރެސްގައި ދައްކާ ގްރާފްތަކާއި މަޢުލޫމާތުތައް ތައްޔާރުކުރުމުގައި ކޮންމެ ދުވަހަކުވެސް ން ދޮޅު ގަޑިއެއްހާއިރު ޑރ.އަފްޒަލް ހޭދަކުރެއެވެ.

"ދަތި ނޫނީ ނޭންގޭ ސުވާލެއްވިއްޔާ ހަމަ އެހެން ބުނެދެނީ. ފޮރުވާކަށް ނޫޅެން. ނޫނީ ދެން އޮންނަ ޕްރެސްގައި އޮޅުންފިލުވައިދެނީ، ގުޅައިވެސް ފަހުންވެސް ކިޔައިދެން. އަދި ހަމަ ބަލަން ގޯސްކޮށް ދަޢުރުވާ މަޢުލުމާތުތައް ރަނގަޅުކޮށްދިނުމާއި، ސޯޝަލް މީޑިއާގައި އާއްމުންގެ ކަންބޮޑުވުން ހުރި ކަންކަމަށްވެސް ރިއާޔަތްކުރަން." ޑރ އަފްޒަލް ވިދާޅުވިއެވެ..

ކޮންމެއަކަސް ފެންނަ ފެނުމަށް ޑޮކްޓަރ އަފްޒަލް ފާހަގަވަނީ ވަރަށް ސީރިއަސް ބޭފުޅެއްގެ ގޮތުގައެވެ. އިންޓަވިއުއަށް ދިޔައިރު އަޅުގަނޑަށްވެސް ހީވެފައި އޮތީ ހަމަ މިހެންނެވެ. ނަމަވެސް ވިއްސަކަށް މިނެޓްގެ އިންޓަވިއު ނިމިގެންދިޔައިރު އަޅުގަޑަށް ފެނުނީ ސްކްރީނުން ފެންނަ ޑރ.އަފްޒަލެއް ނޫނެވެ. މަސައްކަތުގައި ސީރިއަސް ނަމަވެސް ޑރ އަފްޒަލަކީ ސަކަ މަޖާ މިޒާޖެއްގެ ބޭފުޅެކެވެ. ޑޮކްޓަރުގެ ވާހަކަތަކަށް އަޅުގަޑުގެ ޝައުގުވެރިކަން އިތުރުވީ މަސައްކަތުގެ އިތުރަށް ދިމާވި ބައެއް ކަންކަން ސަމާސާއާއި އެކު ކިޔައިދޭން ފެށުމުންނެވެ.

ޕްރެސްއަށް އަރާ ހުރިހާ ބޭފުޅުންނާއި އަފްޒަލް ތަފާތެވެ. ޕްރެސްތަކުން އާއްމުކޮށް އެހެން ބޭފުޅުންގެ ކިބައިން ނުފެންނަ ބައެއް ކަންކަން އަފްޒަލްގެ ބައިވެރިވެޑައިގަންނަވާ ޕްރެސްތަކުން ފާހަގަވާނެކަން ޔަޤީންނެވެ. ޕްރެޒެންޓޭޝަނަށް ފަހު ސުވާލެއް އަންނަންދެން މަޑުމަޑުން އިންނަވާ އިންނެވުމެވެ. ދެ ސުވާލުގެ ދޭތެރޭގައި އިސްޖަހައިގެން އިންނަވާ ގަލަމުން އެ ލިޔުއްވާ ލިޔުންވުންތަކެވެ. މިވާހަކަ އަޅުގަނޑު ވަކިންވެސް އަހާލީމެވެ. އަޅުގަޑުގެ މި ސުވާލަށް އަފްޒަލް ދެއްވީ ވަރަށްވެސް ސާދާ މަޖާ ޖަވާބެކެވެ.

"ވަރަށް ލިޔަން މީޓިންގްތަކުގައިވެސް. ބައެއް ފަހަރު ހީވެދާނެ ވާނުވާ އަޑުނާހާހެންވެސް. ނޯޓްވެސް ކުރަން، ސުވާލެއްވިއްޔާ ހަނދާން ހުއްޓާ ލެޕްގައި އެންޓަރކުރަން. ދެން އެކަމަކު އެހެން މީހަކު، މިސާލަކަށް މަބްރޫކް ވާހަކަ ދައްކާ ގަޑީ އަޅުގަނޑު ކުރާނެ މާބޮޑު ކަމެއް ނޯވެ. އެހެންވެ ޑޫޑުލް ކުރަނީ. ކުޑަ އިރުންފަށައިގެންވެސް ކުރެހުމަށް ވަރަށް ޝަޢުގު ހުރޭ. އެހެންނާ ވަރަށް ފޫހިވާނެ." ހެމުން ޑޮކްޓަރ އަފްޒަލް ކިޔައިދިނެވެ.

ކޮންމެއަކަސް ކޯވިޑް 19ވީ ދިރިއުޅުމަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކަމަކަށެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުމުގެ ސަބަބުން ޑރ.އަފްޒަލްގެ ދިރިއުޅުންވެސް އޮތީ ވަރަށް ބޮޑަށް މަސައްކަތަށް ފޯކަސްވެފައެވެ. މަސައްކަތުގައި ގިނަ ވަގުތު އުޅެން ޖެހުމުން ޑރ.އަފްޒަލްއަށް އެންމެ "މިސް"ވާ ކަމަކަށްވީ ކާހިތްވީމަ ގޭގައި އަމިއްލައަށް ކައްކައިގެން ކާ ޚާއްސަ ކާނާގެ ބާވަތްތަކެވެ. ލޮކްޑައުންއާއި ގުޅިގެން ކުރިމަތިމި އެހެން މަޖާ ޙާދިސާއެއްވެސް ޑޮކްޓަރ ޙިއްސާކުރެއްވިއެވެ.

"ލޮކްޑައުންގެ 1 ދުވަސްކުރިން ގެއަށް ރައްޓެއްސަކު އައީ. ހަނދާނެތްވެސް މިހާރު ނެތް ކޮން ރައްޓެއްސެއްކަމެއް. އޭނަ ދިޔައީ އަޅުގަނޑުގެ 1 ފައިވާން ކިބަޔާއި އޭނަގެ 1 ކިބަޔަށް އަރައިގެން. ދެން އޭރު ފިހާރަތަށް ބަންދުކުރީމަ ފައިވާނެ ނުލިބުނު. އޭގެ ފަހުން އަދިވެސް އަޅުގަނޑު މިއުޅެނީ އޭނަގެ އެއް ފައިވާން ކިބަޔާއި އަޅުގަނޑުގެ އެއް ކިބަޔަށް އަރައިގެން. އެހާގިނައިރު ބޫޓަށް އަރައިން އުޅުންވެސް ރައްކާތެރިއެއްނޫން." ޑރ ވިދާޅުވިއެވެ.

އެވާހަކަތައް ހިއްސާކޮށްލުމުން ޑޮކްޓަރުގެ ފައިވާނަށް ބަލާލެވުނެވެ. ތެދެކެވެ. އަޅުގަނޑާއި ވާހަކަދައްކަން ޑޮކްޓަރު އޭރުވެސް އިންނެވީ ދެފައިވާނުގެ ދެ ކިބަޔަށް އަރައިގެންނެވެ. މާ ބޮޑު ތަފާތެއް ނެތްހެން ހީވިއަސް އެއީ އެއް ބްރޭންޑެއްގެ ދެ ފައިވާން ކިބައެވެ.

ވޭތުވެދިޔަ 6 މަސްދުވަހު ހޭދަވި ކޮންމެ ދުވަހަކީވެސް މަސައްކަތުގައި ހޭދަވި ދުވަސްތައްކަމުގައި ޑޮކްޑަރ ވިދާޅުވިއެވެ. ޗުއްޓީއެއް ނުނަގާ، ހުކުރު ހޮނިހިރެއް އީދެއް ނެތި ޓީމްގެ ހުރިހާ މެންބަރުންވެސް މަސައްކަތްކުރަމުންދަނީ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައެވެ. އަދި ކޯވިޑާއި ގުޅިގެން ނިންމާ ނިންމުންތަކުގައިވެސް މި މަސައްކަތްތައް ބޮޑު ދަޢުރެއް އަދާކުރެއެވެ.

" މަޢުލޫމާތުތަށް ވަރަށް ބޮޑަށް އެއްކޮށް ނަންބަރުތަކަކަށް ބަދަލުކޮށް މި ގެނެސްދެނީ. އެހެން ޓީމްތަކާއި ހަމައަށް މަޢުލޫމާތުދަނީ ގްރާފެއްގެ ސިފައިގައި. ޑީޖީއާއި ޑީޑީޖީ ޙިއްސާކުރަން. ޓެގްގެ ނިންމުންތައްވެސް މި މަޢުލޫމާތުތަކަށް ބުރަވޭ. ސަރވޭއެއް ހަދަންޏާ އިންޕުޓްދެން. އަދި ވަކި މަޢުލޫމާތެއް އެއްކުރަން ރިކުއެސްޓްކޮށްފިއްޔާ އެ މަސައްކަތް އެބަކުރަން." ޑޮކްޓަރ ވިދާޅުވިއެވެ.

މި ކިޔައިދިނީ ނޭޝަނަލް އެންމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގެ ކުޑަ މިންވަރެކެވެ. މިގޮތަށް ދަރުބާރުގޭގެ އޮޕަރޭޝަން ސެންޓަރުގައި އެކި ގޮފިތަކަށް ބަހާލައިގެން މުޢައްސަސާތަކާއި ވޮލަންޓިއަރުންގެ ގޮތުގައި އެތަށް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މަސައްކަތްކުރަމުންނެވެ.
އަދި މި މަސައްކަތްތަކުގެ އިރުޝާދަށް ބޭރުތެރޭގައި ސީދާގޮތުންނާއި ނުސީދާގޮތުން 100އަށްވުރެ ގިނަ މުޢައްސަސާއިން ބައިވެރިވެއެވެ.

ޝާން

?♥️?

އަހުމަދުދީދީ

ރަގަޅު އިލްމެއް ހުރި ކޮންމެ މީހެއްގެ ބޮޑާކަމެއް ނުހުންނާނެ.އަދި ޑޮކުޓަރުންނަކީ ނަމޫނާ ބައެއް. އިންސާނިއްޔަތަށް އަގުނުކުރެވޭނެ ބައެއް.

ޝަޒިީ

ޢެބޭފުޅުންގެ ބުރަ މަސައްކަތް ވަރަށް ލޯތްބާއި އިހްތިރާމާއި އެކީ ގިނަބަޔަކު ބަލައިގަނޭ.

ރެންޑަމް

ޑރ. އަފްޒަލް މަސައްކަތްކުރައްވަނީ އެޗްޕީއޭގައި ގައިންގަޔައް އަރާބަލިއަރާބަލިތަކުގެ ތަފާސް ހިސާބުތައް ހެދުމަށް.

ސަންފަ

ސެލިއުޓް ޙައްޤު މިބޭފުޅުންނަށް❤

ނޫނު

ދިވެހިން ފަހުރުވެރިވާ ދަރިޔެއް