އަންހެނެއްގެ ރަހިމުގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، ކުރި އޮޕަރޭޝަން ކާމިޔާބުކޮށްފިއެވެ،
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު ވިދާޅުވީ މިއީ މިހާތަނަށް އެހޮސްޕިޓަލުން ގައި ކުރި މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި އަދި ނެގުނު އެންމެ ބޮޑު ސިސްޓްކަމަށެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރުން ހިމެނޭހެން ޖުމްލަ 8 މީހުންގެ ޓީމަކުންނެވެ. 2 ގަޑި އިރުގެ މި އޮޕަރޭޝަންގައި އޯވޭރިއަން ދެ ސިސްޓެއް ނަގާފައިވާ ކަމަށް މެނޭޖަރު ވިދާޅުވިއެވެ.
މެނޭޖަރ އިތުރަށް ވިދާޅުވީ އެ އޮޕަރާޝަން ކުރެވުނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ ކަމަށެވެ. އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރު ވާނެކަމަށް ބުނެފައިވެއެވެ.
މިފަދަ ބޮޑު ސިސްޓެއް ނަގަން ވެއްޖެ ނަމަ ކުރިން ފޮނުވަނީ މާލެކަމަށާއި، ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފުރަބަންދުވުމާއި ގުޅިގެން މިއޮޕަރޭޝަން އެހޮސްޕިޓަލުގައި ކުރަން ޖެހުނީކަމަށް މެނޭޖަރ ވިދާޅުވިއެވެ.
ފަހަކަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހޭ ކުދިންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެވުނު އެންމެ ތުއްތު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަންޖެހޭ ހާލަތުގައި މައިމީހާ ފޮނުވަމުން އަންނަނީ މާލެއަށެވެ.
މިކަމާއި ގުޅިގެން އެހޮސްޕިޓަލުން ބުނެފައިވަނީ އާންމު ގޮތެއްގައި 4 ކަމެއްގައި މާލެ ފޮނުވާލަން ޖެހޭކަމަށެވެ. އޭގެ ތެރޭގައި، ދުވަސް ނުފުރައި ވިހަން ޖެހުން، ކަށީގެ އޮޕަރޭޝަންތަކާއި ހިތުގެ ބަލީގެ ކަންތައްތަކުގައި އަދި ސްޓްރޯކް ޖެހުން ފަދަ ހާލަތްތަކުގައި ބަލިމީހުން ފޮނުވަމުން އައީ މާލެއަށެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ވަރަށް ފަސޭހައިން ރަގަޅު ކުރެވެން ހުރި ކަންތައްތައްކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހްމަދު ދާއޫދު ފާހަގަކުރެއްވިއެވެ.
28 ހަފްތާގެ ތުއްތު ކުއްޖާ ސަލާމަތް ކުރެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެހޮސްޕިޓަލުން ފާހަގަ ކުރެއެވެ. މިފަދަ އިތުރު ކާމިޔާބީތައް ހޯދެން އަންނަނީ އެކަށީގެންވާ ވަރަށް ވަސީލަތްތައް ލިބިގެންނެވެ. ވަސީލަތްތައް ނެތުމުގެ ސަބަބުންނާއި ބެޑް ކެޕޭސިޓީ މަދު ކަމުން ވަރަށް ބޮޑެތި ގޮންޖެހުންތައް އެހޮސްޕިޓަލަށް ވަނީ ކުރިމަތި ވެފައިވާކަން އެފަރާތުން ވަނީ ހާމަކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.