ޚަބަރު

މިއުޒިޝަނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރައްވައިފި


ރިސޯޓު މިއުޒިޝަނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އެފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ މިނިސްޓަރ ޔުމްނާ އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އަރޓްސް، އެންސީއޭގައި ރަޖިސްޓަރވެފައިވާ ފަންނާނުންނެވެ. މިއީ މިގޮތުން ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އިން ވިދާޅުވެއެވެ.

މިބައްދަލުވުމުގައި ރިސޯޓު މިއުޒިޝަނުންނަށް ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ފަންނުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ފަންނުވެރިންގެ ޚިޔާލު ހޯއްދަވާފައެވެ. ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް މިނިސްޓަރ ނިންމަވާފައިވާކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީ ހޯދުމަށް ދަތިވެފައިވާ ފަންނާނުންނަށް ސަރުކާރުން މިހާރުވެސް އިއުލާންކޮށްފައިވާ ލޯން ސްކީމްތަކުގެތެރެއިން ލޯނަށް އެދެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން "ޖޮބްސެންޓަރ ޑޮޓް އެމްވީ"އާއި އެސްޑީއެފްސީ މެދުވެރިކޮށް މިހާރުވެސް ފޯރުކޮށްދެމުންދާ ރިލީފް ލޯނުތަކަށް ފަންނާނުންނަށް އެދެވޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.