ޚަބަރު

ޓެކްސީ އާއި ޕިކަޕް ސެންޓަރުތަކުގެ ވެރިންނާއި މިނިސްޓަރ ނަހުލާ ބައްދަލުކުރައްވައިފި


ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ ‏ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭގޮތުން ‏މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވަނީ މަޝްވަރާކުރައްވާފައެވެ.

މާލޭ ސަރަޙައްދުގެ ޓެކްސީ ސެންޓަރުތަކާއި، ޕިކަޕް ސެންޓަރުތަކުގެ އިސްވެރިންނާއި މިނިސްޓަރ ނަހުލާ ވަރޗުއަލްކޮށް ބައްދަލުކުރައްވާފައި ވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާވަކަމަށް ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއްކަމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ ނުލިބުމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކެވެ.

އެކަމަށް ޖަވާބުދެއްވަމުން ޓްރާސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް މުހިންމު ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިޢުލާންކޮށްފައިވާ އުސޫލްތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.