ޚަބަރު

ޕޮޒިޓިވް ކޭސްތައް މަދުވިޔަސް ކޯވިޑް-19 ގެ ނުރައްކާ ނެތިގެނެއް ނުދޭ: އެންއީއޯސީ


ޕޮޒިޓިވް ކޭސްތައް މަދުވިޔަސް ކޯވިޑް-19 ގެ ނުރައްކާ ރާއްޖެއިން ނެތިދިޔައީ ކަމަށް ނުދެކޭ ކަމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ރާއްޖޭގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކުރެއްވުމަށް އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެއްވެސް ހާލެއްގައި ޕޮޒިޓިވްވާ މީހުން މަދުވެގެން މިބަލީގެ ނުރައްކާ ރާއްޖެއިން ނެތިދިޔައީކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެންއީއޯސީއިންވެސް އެގޮތަށް ނުދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ފުރަބަންދުގެ ފިޔިވަޅުތައް ލުއިކޮށް، ފޭސް އެކެއްގެ ދަށުން ލުއިތަކެއް ދިނަސް، މިބަލި އިތުރު ބަޔަކަށް ޖެހިފައި ވާނަމަ އެމީހުން ފެންނާނީވެސް ކުރިޔަށް އޮތް ދުވަސްތަކުގައިކަމަށް މަބުރޫކު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ނަގާ ސާމްޕަލްތަކުގެ ނަތީޖާތަކަށް ބަލާއިރު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށްދާކަމުގައި މަބްރޫކް ވިދާޅުވިއެވެ.

" 31 މޭ އިން ފެށިގެން 1 ޖޫންގެ 6 ގަޑި ސުންމިނެޓާއި ހަމަޔަށް 835 ސާންޕަލް، 56 ޕޮޒިޓިވް ކޭސް ފެނިފައިވޭ. 1 ޖޫން 6 ގަޑި ސުންމިނެޓުން ގެ 2 ޖޫން 6 ގަޑި ސުންމިނެޓަށް 704 ސާންޕަލް 12 ޕޮޒިޓިވް. 2 ޖޫން އިން 3 ޖޫންގެ 6 ގަޑި ސުންމިނެޓާއި ހަމަޔަށް 618 ސަންޕަލް، 9 ޕޮޒިޓިވް ކޭސް. 3 ޖޫން އިން 4 ޖޫންގެ 6 ގަޑި ސުންމިނެޓާއި ހަމަޔަށް 685 ސަންޕަލް، 24 ޕޮޒިޓިވް ކޭސް. 4 ޖޫން 5 ޖޫން ހަގަޑި ސުންމިނެޓަށް 957 ސާންޕަލް، 11 ޕޮޒިޓިވް ކޭސް. 5 ޖޫން އިން 6 ޖޫން ގެ 6 ޖެހުމާއި ހަމަޔަށް 725 ސާންޕަލް ނެގި 18 ޕޮޒިޓިވް ކޭސް ފެނިފައިވޭ." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ތަފާސް ހިސާބުތަކުން ކޭސްތައް މަދުވާކަމަށް ފެނުނު ނަމަވެސް އަދި ބަލީގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރިނަމަވެސް އާންމުން އެކަމަށް ރައްކާތެރިވާން އެންއީއޯސީއިން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިއިރު އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މާރޗް މަހުގެ 7ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުން ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަން ކަށަވަރުވެފައި ވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ ސަރަހައްދު ވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފެށީ މޭ މަހުގެ 28 ގައެވެ. ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަމުން ދަނީ ހާލަތަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.