 
										
			ފުރަބަންދުގެ މުއްދަތުގައި މަސްވެރިންގެ އަތުން 17،000 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 329 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. 
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިފްކޯގެ  މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ ކޯވިޑް-19 އާއި އެކު މަސްވެރިކަމުގެ ސިނާއަތަށްވެސް އަސަރުކޮށްފައި ވާކަމަށެވެ. 
އެގޮތުން މި ކޯވިޑް-19ގެ ހާލަތު ފެށިގެން އައި ދުވަސްކޮޅަކީ ރާއްޖެއަށް މަސްވެރިކަން ރަގަޅު ދުވަސްކޮޅެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން މަސްވެރިންނަށް ދެއްވި ލުއިތަކާއި އެކު މަސްވެރިން މަހަށް ނިކުމެ މަސްވެރިކަން ކުރަމުންދާކަން ފައުޒީ ފާހަގަކުރެއްވިއެވެ. 
" 300 ޓަނާއި ހަމައަށް މަސް ކިރަމުން އައީ ކޯވިޑާއި ކުރިމަތިލީއިރު، އެހެންނަމަވެސް ރޯދަމަހާއިވެސް ދިމާވެފައި، އަދި މިދުވަސްކޮޅަކީ އެހެން އަހަރުތަކުގައިވެސް މަސްވެރިކަން ދަށް ދުވަސްކޮޅެއް، އެހެން ނަމަވެސް މިހާރުވެސް އެވަރެޖްކޮށް 70 ޓަނުގެ މަސްދަނީ ކިރަމުން،" ފައުޒީ ވިދާޅުވިއެވެ. 
ކޯވިޑް-19ގެ މުއްދަތުގައި މަސް ކިރުވާފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ފައުޒީ ވިދާޅުވީ ކޯވިޑް-19ގެ މުއްދަތުގައި ކިރާފައިވާ 17،000 ޓަނުގެ މަހަށް 329 މިލިއަން ރުފިޔާ ދޫކުރެވިފައި ވާއިރު މި އަދަދަކީ ރަގަޅު އަދަދެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ސަބަބަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި 23،000 ޓަނުގެ މަސް ކިރުވައިގެން ދޫކޮށްފައި ވަނީ 439 މިލިއަން ރުފިޔާ ކަމަށް ފައުޒީ ވިދާޅުވިއެވެ. 
މިފްކޯއިން މިހާރު މަސްވެރިންނަށް ފައިސާ ހަވާލުކުރުމުގެ މަސައްކަތްކުރަމުން ދަނީ އޮންލައިން ބޭންކިންގެ ތެރެއިން ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ. 
މިފްކޯއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން މަސް އެކްސްޕޯޓު ކުރަމުންދާ ކުންފުންޏެކެވެ. މިފްކޯއިން މި ހާލަތުގައިވެސް ޔޫރަޕަށް މަސް އެކްސްޕޯޓު ކުރަމުންދާ ކަމަށާއި، މިހާތަނަށް 21،000 ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.  
މިފްކޯއިން ދަނީ އެޗްޕީއޭގެ ގައިޑް ލައިންތަކާއި އެއްގޮތަށް އެކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މަސްކިރުމުގައި މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަކަށް އެކުންފުނީގެ ހިންގުމަށް ވަނީ ބަދަލުތައްވެސް ގެނެސްފައެވެ.