ވިޔަފާރި

ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާލަނީ، ޚިދުމަތް ލިބޭނީ އެޕޮއިންޓްމަންޓަށް


މާލޭސިޓީގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ބްރާންޗް އަދި ސަރވިސް ސެންޓަރތަކުން އެޕޮއިންޓްމަންޓަށް ހިދުމަތްދިނުމަށް އެބޭންކުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ބުނީ މާލެ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު އަންނަ ހޯމަވަނަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަކުން މެންދުރުފަހު 2:00 އަކަށެވެ.

ބީއެމްއެލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތަށް ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ.

ބީއެމްއެލްގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ބްރާންޗް ނުވަތަ ސަރވިސް ސެންޓަރ ހިޔާރުކުރުމަށްފަހު ރިކުއެސްޓް ފޮނުވާލެވޭނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް 455 އަށް އެސްއެމްއެސް ކުރުމުންވެސް އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.