ޚަބަރު

ރަށަށްގޮސް ގޭގައި ކަރަންޓީނުވާން ބޭނުންވާ 46 މީހަކު މިރޭ ފުރުވާލަނީ


މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާ ބޭނުންވާ މީހުންގެ ތެރެއިން ރަށްރަށަށް ގެންދެވޭ ފުރަތަމަ 40 މީހުން މިރޭ ފުރަން ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އުމަރު ވިދާޅުވީ މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން، ރަށްރަށަށް އެނބުރިދާން ބޭނުންވެގެން ރަޖިސްޓްރީ ކުރި 3061 މީހަކު ކަރަންޓީނު ފެސިލިޓީޒްތަކުގައި އެބަ ތިބިކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން މާލެއިން ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީން ކުރާނެ އުސޫލެއް އެކުލަވާލާ ވަނީ އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ބައެއް ކަންކަން ވަނީ މަތިކޮށްފައެވެ.

މިއުސޫލުގެ ތެރެއިން މާލެއިން ހޯމް ކަރަންޓީންއަށް ގެންދާ ފުރަތަމަ ބުރުގެ މީހުން މިރޭ 9 ޖަހާއިރު ފުރުމަށްވަނީ ހަމަޖެހިފައެވެ. މި އެންމެންވެސް ދަތުރުކުރާނީ އައްޑޫސިޓީއަށެވެ. މި މީހުން ޗެކިން މިރޭ 7:30 ގައި މާލޭގައި ހުންނަ ހުޅުލެ ފެރީ ސަރަހައްދުގައި ފެށިގެން ދަނީ ކުރިއަށެވެ. މިރޭ ރަށަށް ފުރާ އެންމެންވެސް ރަށަށް ފުރުވާލާނީ މި ބަލީގެ އެއްވެސް އަލާމާތެއް އެމީހެއްގެ ގައިގައި ހުރިތޯ ބަލާ ޗެކްކުރުމަށްފަހުކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ މިރޭ އައްޑޫއަށް ފުރާނީ 46 މީހުންކަމަށާއި މި މީހުން ބޭއްތިއްބުމަށް އައްޑީ ސިޓީ
ގައި 26 ގެއެއް ހަމަޖަައްސާފައިވާކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

ހޯމް ކަރަންޓިނާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައި ބުނެފައިވަނީ ރަށަށް ގޮސް މީހަކު ކަރަންޓީނުވާ ގެއެއްގައި އުމުރުން 60 އަހަރުން މަތީގެ މީހުންނާއި މާބަނޑުމީހަކު އުޅެގެންނުވާނެއެވެ. މީގެ އިތުރުން ތަފާތުއެކި ބަލިތަކުގެ ތެރެއިން ނޭވާ ހިއްލުމާއި، ކިޑްނީގެ ބަލި ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ހީމޯގްލޯބިން ޑިސްއޯޑާރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި މީހަކު ހުރި ގެއަކަށް ވެގެން ނުވާނެއެވެ.

ރަށްރަށަށް ގޮސް ގޭގައި ކަަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. އަދި 24 ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުކަމަށެވެ. އަދި މިއުސޫލުގައި ބުނެފައިވާ އެންމެހައި ކަންކަމަށް ރަށްރަށަށް ކަރަންޓީނަށް ދާ މީހުން އިގުރާރެއްވުމަށްވެސް ވަނީ ކަނޑައަޅާފައެވެ.