ވިޔަފާރި

އުދައިގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް


ރޭ މާލޭގެ އިރުއުތުރު ފަރާތުގެ ކާނިވާ ސަރަހައްދަށް އުދައެރުމުން އެސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓްތަކަށް ބޮޑެތި މާލީ ގެއްލުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް މި ވިޔަފާރިތައް ހިންގާ ފަރާތްތަކުން ބުނެފިއެވެ.ރޭ ކާނިވާ ސަރަހައްދައް އުދައެރި ގަޑިޔަކީ އެ ސަރަހައްދުގައި ހިންގަމުންދިޔަ ގިނަ ކެފޭ ރެސްޓޯރެންޓްތަކެއް ހުޅުވިފައި ހުރި ގަޑިޔަކަށްވުމުން އެތަންތަނުން ގިނަބަޔަކު އެގަޑީގައި ހިދުމަތް ހޯދަމުން ދިޔަކަމަށް އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ޕީއެސްއެމްއަށް މައުލޫމާތުދެއެވެ.އެގޮތުން އެވަގުތު އެ ސަރަހައްދުގައިހުރި ރެސްޓޯރެންޓްތަކުގައި ކެއުމަށާއި ކޮފީއަށް ގޮސްތިބި ގިނަބަޔަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، ބައެއް ކަސްޓަމަރުން މޭޒުމަތީގައި ބަހައްޓާފައި ހުރި ފޯނުތައްވެސް ހަލާކުވެފައިވާކަމަށް ރެސްޓޯރަންޓް ތަކުން މައުލޫމާތުދެއެވެ.އަދި ބައެއް ރެސްޓޯރެންޓުތަކުން މައުލޫމާތިދިން ގޮތުގައި އުދައެރުމާއިއެކު ކަރަންޓް ކަޑައިގެންދިޔުމުގެ ސަބަބުން ފައިސާގެ ރަސީދު ނެހެދި ގިނަ ކަސްޓަމަރުންތަކެއް އަތުން ފައިސާ ނުނަގާ ފޮނުވާލަންޖެހުމުން ފަނަރަހާހާއި ގާތްކުރާ އަދަދަކަށް ގެއްލުން ލިބުނުކަމަށެވެ. އަދި އުދަ އެރުމުން ރެސްޓޯރެންޓްތަކުގެ މޭޒުތައް ހަލާކުވެފައިވާއިރު ބައެއް އަގުބޮޑު މެޝިނަރީޒްތައްވެސް ހަލާކުވެފައިވާކަމަށް އެ ފަރާތްތަކުން މައުލޫމާތުދެއެވެ.މީގެ އިތުރުން ލިބުނު ގެއްލުންތަކެއްގެ ސަބަބުން ބޮޑެތި މަރާތުތަކެއް ކުރަންޖެހި އެސަރަހައްދުގެ ބައެއް ރެސްޓޯރަންޓުތައްވެސް ވަނީ ބަންދުކޮށްފައެވެ.ނަމަވެސް އެސަރަހައްދުގައި ހުރި ބައެއް ކެފޭތަކާއި، ރެސްޓޯރެންޓްތަކުން މިއަދު އާންމުންނަށް ހިދުމަތްދެމުންދާނެކަމަށް އެފަރާތްތަކުން މައުލޫމާތުދެއެވެ.ކާނިވާ ސަރަހައްދަކީ ގިނަ އެއްގަމު އުޅަނދުތައް ޕާކްކުރުމަށް ބޭނުންކުރާ ސަރަހައްދަކަށްވީރު އުދައިގެ ސަބަބުން ސަރަހައްދުގައި ޕާކްކޮށްފައިހުރި ގިނަ އުޅަނދުތަކަކަށްވެސްވަނީ ގެއްލުންލިބިފައެވެ.