ޚަބަރު

އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ސްކޮލާރޝިޕް ފުރުޞަތު ރާއްޖެއަށް!


އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ސްކޮލާރޝިޕް ފުރުޞަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާގުޅޭގޮތުން މީޑިއާ ކައުންސިލުން ވިދާޅުވީ، އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމްގެ ފަރާތުން 9 މަސް ދުވަހުގެ ޖާރނަލިޒަމް ކޯހެއް ފުރިހަމަކުރުމަށް 2 ފަރާތަކަށް މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ. މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބެޗްލަރ ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ފަރާތަކުން މިމަހު 9 ގެ ކުރިން މީޑިއާ ކައުންސިލަށް އީމެއިލް މެދުވެރިކޮށް އެންގުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

ކޯހުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އީމެއިލް ފޮނުވާއިރު، އައިޑީކާޑު ކޮފީ، މޯބައިލް ފޯން ނަންބަރު، ސީވީ ނުވަތަ ބަޔޯޑާޓާ، ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި މަސައްކަތު ތަޖުރިބާ ލިޔުންތައް ހުށަހަޅުއްވަން ވާނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ. އަދި ކޯހުގެ ޚަރަދުގެ އިތުރުން، އެއަރ ޓިކެޓް ޚަރަދާއި ކޯހުގެ މުއްދަތުގައި ހުރުމާއި ކެއުމުގެ ޚަރަދު ކޯސް ދޭފަރާތުން ހަމަޖައްސައިދޭނެކަމަށްވެސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާރނަލިޒަމް، އޭ.ސީ.ޖީއަކީ މީޑިއާ އާއި ނޫސްވެރިކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި މަޝްހޫރު ކޮލެޖެކެވެ. އެގޮތުން ޓީވީއާއި ރޭޑިއޯ، ޕްރިންޓް މީޑިއާ އާއި ނިއު މީޑިއާއަށް ޚާއްސަކޮށްގެން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ގިނަ ޕްރޮގްރާމްތަކެއް އޭ.ސީ.ޖީން ހިންގަމުންދެއެވެ.