ޚަބަރު

ޒާދު އެކަޑަމީން ހިންގި ޅެންވެރިކަމުގެ އޮންލައިން ކޯސް ނިންމާލައިފި


ޒާދު އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ ޅެންވެރިކަމުގެ މަތީ ފެންވަރުގެ ހުނަރު ދަސްކޮށްދޭ ކޯސް ނިންމާލައިފިއެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހަށް ގިނަ ޚިދުމަތަކެއް ކުރައްވާފައިވަމުންގެންދަވާ ޑރ. އަޝްރަފް ޢަބްދުއްރަހީމެވެ

ޒާދު އެކަޑަމީން ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހީމް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މިކޯހަކީ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކޯހެކެވެ. ގާތްގަނގަޑަކަށް 50 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ކޯހުގައި އަދަބިއްޔާތު ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި މިއީ މިފެންވަރުގައި އަދަބީ ކޯހެއް ރާއްޖޭގައި ހިންގުނު ފުރަތަމަ ފަހަރުކަމަށް ޒާދު އެކަޑަމީން ވިދާޅުވެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި މިކޯސް، ރޭ ނިމިގެންދިޔައިރު ކޯސް ކުރިއަށްގެންގޮސްފައި ވަނީ ރޭގަނޑުގެ ގަޑިތަކުގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. މިކޯހުގައި ޓިއުޓޯރިއަލްގެ ބައެއް ބައިތައް ކުރިއަށް ގެންގޮސްފައިވާއިރު މިބައި ކުރިއަށްގެންދެވީ އަދަބިއްޔާތުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމަށްވާ އީސާ ޝަރީފުކަމަށް އެއެކަޑަމީން ވިދާޅުވެއެވެ.

ލޮކްޑައުންގެ މިޙާލަތުގައި އެކި ދާއިރާތަކުގެ ކޯސްތައް ޒާދު އެކަޑަމީން އަންނަނީ ހިންގަމުންނެވެ. އެގޮތުން ޢަރަބި ބަހުގެ ކޯސްތަކާއި ޤާރީ އެކި ލެވެލްގެ ކޯސްތަކާއި ޖަނާޒާ ކޯސްތައްވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެއެކަޑަމީން އޮތީ ހުޅުވާލާފައެވެ.