ޚަބަރު

އެމްއެންޑީއެފް އަށް އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށްފި


މިނިވަން 50 ހަރަކާތުގައި ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި މިހަފްލާގައި މިކަމުގެ އަގުވަން ކުރުމުގެ ގޮތުން އެފަރާތްތަކަށް ހަނދާނީ ލިޔުމާއި ފިލާ އަރުވާފައިވެއެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ، ސިފައިންގެ އަމާޒަކީ ގައުމަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށްވުން ކަމަށާއި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ނުކުންނާނެ ބަޔަކަށް ސިފައިންވާނޭ ކަމަށެވެ.މީގެ އިތުރުން މިރޭގެ ހަފްލާގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ލާންސް ކޯޕްރަލް އިން ސާޖެންޓްގެ މަޤާމަށް ބަދަލުކުރިކަން އިޢުލާނުކޮށްފައިވެއެވެ. މިކަން އިޢުލާންކޮށްދެއްވީ މޭޖަރ ޖެނެރަލް އަހުމަދު ޝިހާމް އެވެ.އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަންމެޑަލް ހޯދި މި އެތްލީޓް ގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވެސް ވަނީ ޝާއިދުއާއި ހަވާލުކޮށްފައެވެ.މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުބުރާއި، އިއްޒައްދީން ފާލަމާއި، ޖުމްހޫރީ މައިދާނުގެ މަރާމާތާއި، ހެވިކަން ދައްކާލުމުގައި ބައިވެރިވި ސިފައިންނަށް މިހަފްލާގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކާއި އެމްޓީސީސީގެ އިތުރުން ރާއްޖޭގެ ބައެއް ސްކޫލްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.