ވިޔަފާރި

ގެޓްސެޓް ލޯނުން 5 އަހަރު ދުވަސްތެރޭ ފައްސަތޭކަ އެއްހާ އާ ވިޔަފާރި


ގެޓް ސެޓް ލޯން ޕްރޮގްރާމްގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރު ދުވަސްތެރޭ ފައްސަތޭކަ އެއްހާ އާ ވިޔަފާރި ވުޖޫދަށް އަންނާނެ ކަމަށް ލަފާކުރެއްވޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 'ގެޓްސެޓް' ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހޮވުނު ފަރާތްތަކަށް ލޯނަށް ހޮވުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގެޓްސެޓް ލޯނަށް ޝައުގުވެރިކަން ފާޅުކޮށް ފައްސަތޭކަ އަށްވުރެގިނަ ޕްރޮޕޯސަލް ހުށަހަޅާފައިވާ އިރު، ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ޝޯޓް ލިސްޓް ކޮށްފައިވަނީ 285 ޕްރޮޕޯސަލެވެ. އަދި ޝޯޓް ލިސްޓް ކުރެވުނު ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު ލޯނު ލިބިފައިވަނީ އެއްމެ މަތިން ސްކޯރ ކުރި 34 ޕްރޮޕޯސަލް ހުށަހަޅާފައިވާ 72 ޒުވާނަކަށެވެ.

މި ހަފްލާގައި ލޯނު ލިބުނު ފަރާތްތަކަށް ލޯނު ލިބުނު ކަމުގެ ލިޔުން ޙަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސައީދާއި، ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމާއި، ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުގެ އިތުރުން ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލު އަދި ޔޫތު މިނިސްޓަރ އަހްމަދު ޒުހޫރެވެ.

ރޭގެ ހަފްލާގައި މިނިސްޓަރ ސައީދުވަނީ މިފަދަ ލޯންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އަދި ރާއްޖެ މިހާރު ގުނަމުން މިދަނީ އިޤްތިސާދީގޮތުން ވަރަށް ފަހި ދުވަސްތަކެއް ކަންވެސް މިނިސްޓަރ ފާހަގަކުރެެއްވިއެވެ.

މި ހަފްލާގައި ގެޓް ސެޓް ލޯނުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވެސް ވަނީ، މި ބުރުގައި ގެޓްސެޓް ލޯން ލިބުނު ފަރާތްތަކުން މި ލޯންގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ހިފައި، ގެޓްސެޓް ލޯން ގެ ދެންހުރި ބުރުތަކަށް ކުރިމަތިލާ ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވުމަށް އިލްތިމާޒްކުރައްވާފައެވެ.

ގެޓްސެޓްގެ ފުރަތަމަ ބުރުން ހޮވުނު ފަރާތްތަކަށް އަމާޒްކުރެވިގެން ބިޒްނަސް ސްޓާރޓްއަޕް ވޯކް ޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް މެންޓަރ އެއް ހަމަޖެއްސުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ ގެޓްސެޓް ލޯން ޕްރޮގްރާމްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން މި ޕްރޮގްރާމްގެ ދަށުން ދިނުމަށް ނިންމާފައިވާ އިރު ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައޅާފައި ވަނީ 200 މިލިއަން ރުފިޔާއެވެ.