ޚަބަރު

މާލެސީޓީން ކުދިއުޅަނދުތަކުގައި މަހަށް ފުރާ ފަރާތްތަކަށް އިންތިޒާމްތަކެއް ހަމަޖައްސަނީ


މާލެ ސިޓީގައި އާމްދަނީ ހޯދުމަށް މަސްވެރިކަމަށް ދާ ފަރާތްތައް، ނަމަވެސް ލޮކްޑައުންއާއި ގުޅިގެން މަހަށް ނުފުރިތިބި މީހުންނަށް އެ މަސައްކަތް ކުރެވޭނެގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު ޒަމީރު ވިދާޅުވީ، ކައުންސިލަށް އަންނަ ޝަކުވާތަކުގެ ތެރޭގައި މަހަށް ނުފުރި، އާމްދަނީ ލިބުމުގެ ދަތިތަކާއިގުޅޭ ގިނަ ޝަކުވާތައް ހިމެނޭ ކަމަށެވެ. ޚާއްސަކޮށް ކުދި އުޅަނދު ފަހަރުގައި މަހަށްފުރާ ފަރާތްތަކަށް ފުރަބަންދާއި ގުޅިގެން އާމްދަނީ ލިބުން މުޅިންހެން ބަންދުވެފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ފުލުހުންނާއި ސިޓީކައިންސިލް އަދި ފިޝަރީޒް މިނިސްޓްރީ ގުޅިގެންދަނީ މަޝްވަރާކުރަމުންނެވެ.

ސިޓީ ކައުންސިލުން މިހާރު ދަނީ މަހަށް ފުރަން ބޭނުންވާ އޮޑިދޯނި ފަހަރާއި، މީހުންގެ ނަން ނޯޓްކުރުމުގެ މަސައްކަތް މާލެ މަސްމާރުކޭޓްގައި ހުންނަ އޮފީހުގައި ކުރަމުންނެވެ. ނަމަވެސް ޒަމީރު ވިދާޅުވީ މިކަން ފަސޭހަކުރުމަށް ޕޯޓަލްގެތެރެއިންނާއި އީމެއިލުން އަދި ފޯނުން ގުޅައިގެން ނަން ނޯޓްކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާކަމަށެވެ. ކުރިއަށް އޮތް ދެތިންދުވަހުގެ ތެރޭގައި އެކަން ހަމަޖެހި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

"މަހަށްދާން ފިޝަރީޒްގައި ރެޖިސްޓަރކޮށްފައި ހުންނަ ދޯނިތަށް މިހުންނަނީ. ނަމަވެސް އެމީހުން މިކަން ކުރާނި ގޮތުގެ އުސޫލެއް ނެތް. ދޯންނަށް ދާން ޕަރމިޓްނެގުމާއި، އުޅެވޭނެ ވަގުތުތަކާއި، މަހުން އައިސް ގެއަށްދާނީތޯ ދޯނީގައި މަޑުކުރާނީތޯ. މިކަންކަން ކުރެވޭނީ ކިހިނެތްތޯ މިބަލަނީ." ޒަމީރު ވިދާޅުވިއެވެ.

އަދި އާމްދަނީ ހޯދުމުގެ ގޮތުުން ރެޖިސްޓަރވެގެން ފަރުމަހަށްދާ ފަރާތްތަކަށްވެސް އެ ފުރުސަތު ހޯދައިދިނުމަށް ދަނީ މަސައްކަތްކުރަމުން ކަމުގައި ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައިވެސް ކައުންސިލްގެ ހުއްދައާއިއެކު މަހަށް ދެވޭނެ އިންތިޒާމްތައް ވަނީ ފަހިކޮށްދީފައެވެ.