ޚަބަރު

ތިމާވެށިގެ ދުވަހު މިފަހަރު މި މަސައްކަތް ކޮށްލަމާ


މިއަދަކީ މިއަހަރުގެ ތިމާވެށީގެ ދުވަހެވެ. ރާއްޖެއަކީ ނާޒުކް ތިމާވެއްޓަށް ލިބިފައިވާ ޤައުމެއްކަމުން ތިމާވެށި ހިމާޔަތް ކުރުމަށް މުޅި ދުނިޔޭގައި ކުރެވޭ މަސައްކަތުގައިވެސް ރާއްޖެއަކީ އެންމެ ކުރީ ސަފުގައި އެންމެ އަޑުގަދަ އެއް ޤައުމެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް މިދުވަސް ރާއްޖޭގައި އެކި ހިސާބުތަކުގައި އަންނަނީ ކުލަގަދަކޮށް ފާހަގަކޮށް ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.

މި އަހަރު މިދުވަސް މި ފަހަރު މި ލައްވާލީ މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެ އިންސާނުންގެ އާއްމު ދިރިއުޅުން ހުއްޓުމަކަށް އައިސް ގިނަ ބަޔަކު ގޭގައި ތިބެންޖެހިފައިވަނިކޮށެވެ. ސަރުކާރާއި އެކި ޖަމިއްޔާ ޖަމާއައްތަކުން ބާއްވަމުން އަންނަ އެކި ހަރަކާތްތައް މިފަހަރަކު ނުބޭއްވޭނެއެވެ. ފަރުތަކާއި ފަޅުތައް ސާފުކުރުމާއި ޖަލްސާތަކާއި ގިނަ ބަޔަކު ގުޅިގެން ކުރިޔަށް ގެންދާ ކަންކަން މިފަހަރު ނުފެންނާނެއެވެ.

ކޮންމެ އަކަސް މިކަންކަން ނެތްނަމަވެސް ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ގޭގައި ތިބެގެން ހާއްސަ ކަމެއް ކޮށްލުމުގެ ފުރުސަތު އެންވަޔަރަމެންޓް މިނިސްޓްރީން މިވަނީ ފަހިކޮށްދީފައެވެ. މި ފަހަރު މިއޮތީ ތަންތަން ސާފުކުރުމާއި ގަސް އިންދުމެއް ނޫނެވެ.

މިފަހަރު މިއޮތީ ދުނިޔޭގެ އެއްވަނަ ލިބިފައިވާ މި ވެއްޓާއި ދިވެހިން ފަހުރުކަމަށްވާ ދިވެހި ބަހާއި މި ދުވަސް ގުޅުވާލާފައެވެ. އަޅުގަނޑުމެންގެ ރީތި ހުދު ދޮންވެލި ގޮޑުދޮށްތަކާއި ނޫވުލިތަކާއި ފަރުތަކާއި އަޅުގަޑުމެންގެ އަމިއްލަ މުއްސަަނދި ބަހާއި ގުޅުވާލާފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ފަހަރު މި ހިންގާ ހަރަކާތަކީ މި ދަނޑިވަޅު މުޅި އާއިލާއެއްކޮށް ގޭގައި ތިބެގެން ކޮށްލެވިދާނެ ކުޑަ އެހެނަސް އަގުހުރި މަސައްކަތަކެވެ. ކުރަންޖެހޭހާވެސް ކަމަކީ ތިމާވެއްޓާއި ގުޅުންހުރި ބަސްތައް އަޅުގަނޑުމެންނަށް އެގެނީ ކިހާވަރަކަށްތޯ ބަލާލުމެވެ.

މިއަހަރު މިނިސްޓްރީން ދޫކޮށްލާފައި މި ވަނީ ބުރަފަތި ލަފްޒުގެ އަރަތެކެވެ. ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތާއި އަޅުގަނޑުމެންގެ އަމިއްލަ ބަސްތައްވެސް ހިމާޔަތްކޮށް ދެނެގަންނަން މުހިއްމު ރަނުގެ ފުރުސަތެކެވެ.

ވަށަައިގެންވާ މާހައުލާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަންތަކާއި ރާއްޖޭގައި ހިމާޔަތްކޮށްފައި ބައެއް ސަރަހައްދުތަކާއި ރާއްޖޭއަށް ހާއްސަ ގަސްގަހާ ގެއްސާއި މިހެންގޮސް އެތައް ނަންތަކެއް މި ބުރަފަތި ލަފްޒު ފުރިހަމަކޮށްލުމުން ޔަޤީނުންވެސް އެގޭނެއެވެ. އެހެންކަމުން އަޅުގަނޑުމެން މުއްސަދި ދިވެހި ބަހުގައި ހިމެނޭ ރީތި ބަސްތައް ދަސްކޮށްލަން މީ ރަނގަޅު ފުރުސަތެކެވެ. އަދި އައިލާއާއި އެކު ކޮށްލަން މީ ފައްކާ މަސައްކަތަކަށްވާނެއެވެ.