ޚަބަރު

ތިމާވެށީގެ ދުވަހަށް ޚާއްސަކޮށްގެން ވައިބަރ ސްޓިކަރ ސެޓެއް


މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ތިމާވެށީގެ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެށީގެ މުހިންމު ކަމާއިމެދު ހޭލުންތެރިކަން އިތުރުކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން އިތުރުކޮށް މިކަމުގައިހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް އދ.ން ފާހަގަކުރާތާ 46 އަހަރުވެފައިވާއިރު މިދުވަހަކީ ވެއްޓާ މެދު މީހުންގެ މެދުގައި ވިސްނާ ފިކުރުކުރުމަށް ބާރުއެޅުމަށް ގިނަ ޙަރަކާތްތަކާއެކު ކުރިއަށްގެންދާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ.ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕް އިން ކަނޑައަޅާފައިވަނީ "ޓައިމް ފޯ ނޭޗާ"އެވެ. މިޝިޢާރުން ދޭހަކޮށްދެނީ މިވަގުތަކީ ޤުދުރަތީ މާހައުލުގެ ވަގުތުކަމަށާއި، ޤުދުރަތީ މާހައުލާއި އެމާހައުލުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ވިސްނާ ޤުދުރަތީ މާހައުލަށް އިސްކަމާއި އަހައްމިއްޔަތުކަން ދޭންވީ ވަގުތުކަން ކަމަށް ޔުނެޕުން ވިދާޅުވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ނެރުއްވި ނޫސްބަޔާނުގައި، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ ދިރިއުޅުން އަލުން ބިނާކުރާއިރު މިއަހަރަށް ތިމާވެއްޓާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޝިޢާރުގެ ބޭނުން ހިފާ ގުދުރަތީ މާޙައުލަށް އިސްކަންދިނުމަށްވަނީ އިލްސްތިމާސްކުރައްވާފައެވެ. އަދި ކުރުމުއްދަތުގެ އިޤްތިޞާދީ ފައިދާއާއި މަންފާއަށްޓަކައި ގުދުތަރީ ވެށި ޤުރުބާންކޮށް ވެށި ހަލާކުވުން އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮށްލުމަށްވަނީ ގޮވާލައްވާފައެވެ. އަދި މިދަނޑިވަޅުން އަރައިގަންނައިރު ވަށައިގެންވާ ވެއްޓާ ރައްޓެހިގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށްވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ މިންވަރަށް މިއަހަރު މިދުވަސް ފާހަގަނުކުރެވުނުނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީންވަނީ ގޭގައި ތިބެގެން ކުރިއަށްގެންދެވޭނެ ބައެއް ޙަރަކާތްތައް މިއަހަރު އިންތިޒާމުކޮށްފައެވެ. އެގޮތުން މިއަހަރުގެ ތިމާވެށީގެ ޝިޢާރާ ގުޅުވައިގެން ކުރެހުންތައް #WorldEnvironmentDayMv #ForNature ހޭޝްޓެގާއެކު ސޯޝަލް މީޑިއާއަށް ލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި މިކަމުގައި ސްކޫލްތަކުގެ ދަރިވަރުންނާއި އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން އެންވަޔަރަންމަންޓް މިނިސްޓްރީންވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީންވަނީ ޚާއްސަ ވައިބާ ސްޓިކަރ ޕެކެއްވެސް ތަޢާރަފްކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ ދިވެހިންގެ މެދުގައި ޢާއްމުކޮށް ގެންގުޅޭ ވައިބާއަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ސްޓިކާ ޕެކުގައި ހަކަތައާއި ފެނާއި ކުނިނޭޅުމުގެ އިތުރުން ތިމާވެއްޓާގުޅޭ އެކި މެސެޖުތައް ހިމެނެއެވެ. ވައިބަރ ސްޓިކާ ޕެކް މިލިންކުމެދުވެރިކޮށް ޑައުންލޯޑުކުރެވޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ވައިބާއަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ސްޓިކާ ޕެކު

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވެފައއިވަނީ ކޯވިޑް-19 ގެ ސަބަބުން ގައިދުރުކުރުމާއި ފުރަބަންދުގައި ޢާއްމުން ތިބި ދުވަސްވަރެގައިކަމަށްވާތީ މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދަނީ މީސްމީޑިއާ މެދުވެރިކޮށްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.