ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލާގައި އަވަހަށް ދަޢުވާ ކުރަންޖެހޭ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރަނީ


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެންމެ ފުރަތަމަ ދަޢުވާކުރަންޖެހޭ މީހުން ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުން ހިންގި ތަޙްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި އެކި ގޮތްގޮތުން ޝާމިލްވެ، ބައިވެރިވެފައި ތިބި މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑަށް ސާފުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މި މައްސަލައިގެ ތަޙްޤޤްކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވަ ރިޔާސީ ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ކުރިއަށްގެންދާނެ އޮނިގަނޑެއް މިހާރު އެކުލަވާލާ ނިމިފައިވާކަމަށެވެ. އަދި ކޯވިޑް-19 ގެ މި ހާލަތުގައިވެސް އެ ތަޙްޤީޤަށް ފުރިަހަމަ ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތުވެސް މިހާރު އެއްކުރެވިފައި ވާކަމަށެވެ.

މި މައްސަލާގައި ޝާމިލްވާ 267 މީހުންގެ މައްޗަށް އެއްފަހަރާ ދައުވާކުރުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ ދައުވާ ކުރަން އިސްކަންދޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކޯވިޑް-19 ގެ ހާލަތަށް ރަނގަޅު ބަދަލެއް އައުމުން ކޯޓްތަކުގައި މައްސަލަ ކުރިއަށް ގެންދާނެކަމަށެވެ.

"އަޅުގަނޑުމެނަށް މި މައްސަލއިގެ އިތުރަށް ކުރިއަށް ދިއުމަށްޓަކައި ވަކިކަހަލަ އުސޫލްތަކެއްގެތެރެއިން އެންމެ ފުރަތަމަ ބަލަންވީ ކޮން ބައެއްގެ މައްސަލަތަކެއްތޯ ބެލުމަށް ކަނޑައެޅުމަށްޓަކައި ހުރިހާ ފަރާތްތައް ވަކި އުސޫލްތަކަކަށް އެއްބަސްވިމިތިބީ. އަޅުގަނޑުހިތުން އެކިފަހަރުމަތިން އިޢުލާންކުރެވިފަ އެބަހުރި އަދި ރައްޔިތުންނާއި ހަމައަށް ގޮސްފަވެސް އެބަހުރި މި މައްސަލާގަ އެކިފެންވަރުގަ ޝާމިލްވާ 260 އަށްވުރެ ގިނަ ފަރާތްއެބަހުރި. އެހެންވީމަ އެ ހުރިހާ ފަރާތްތަކަށް އެއްފަހަރާ އެއްވަރަކަށް ދައުވާކުރުމަކީ އަޅުގަނޑުހިތުން ކުރެވޭނެކަމެއް ނޫން. އެގޮތަށް ނުވެސް ގެންދެވޭނެކަމަށްވެސް ޤަބޫލުކުރެވޭ. އެހެންކަމުން ހަމަޖެހޭ އުސޫލަކުން ކޮންމެސް ތަރުތީބަކުރެވިގެން އެންމެ އިސްކަންދޭންޖެހޭ ފަރާތްތައް ތަރުތީބުކުރެވޭނެގޮތެއްބަލައި މިހާރު ވަނީ ވަރަށް ހަރުދަނާ އުސޫލެއް އެކުލަވާލެވިފައި." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޙްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސްވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ހާމަކޮށްފައިވާއިރު، ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.