ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައެވެ.

ގިނަ ދުވަސްތަކަށްކަށްފަހު ދެބޭފުޅުން ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒްކުރުމުގެ މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މުހިންމު އިދާރާއެއްކަމަށާއި، ސަރުކާރާއި މަޖިލިސް ގުޅިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރާއީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މުލިއާގެ ކުރިމައްޗަށް ނުކުމެވަޑައިގެން ބައެއް އާންމުންނާއިވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވަނީ މިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތްކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.