ވިޔަފާރި

ތެޔޮ ހޯދުމުގެ ދިރާސާގެ މަސައްކަތް


ރާއްޖޭގެ
ކަނޑުގައި ތެޔޮ ނުވަތަ ގޭސް
ހުރިތޯ ބެލުމަށް ކުރަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް މިއަހަރުތެރޭ ބަޔަކާ
ހަވާލުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.



މިނިސްޓަރ
މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުގައި ތެޔޮ ނުވަތަ ގޭސް ހުރިތޯ ބެލުމަށް ދިރާސާތައް
ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ
ޒެބްރާ ޑާޓާ ސައިންސަސްގެ ބޭފުޅުން ރާއްޖެއައުމާއި ގުޅިގެން އެ ކުންފުނީގެ
ބޭފުޅުންނާއި އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.




 ޒެބްރާ
ޑާޓާ ސައިންސަސްގެ ފަރާތުން ވަނީ ރާއްޖޭގައި ދިރާސާގެ މަސައްކަތްތައް
ކުރިއަށްގެންދާނެ ގޮތުގެ ޑްރާފްޓް އެގްރިމެންޓެއް މިއަދު ދިވެހި ސަރުކާރަށް
ހުށަހަޅާފައެވެ.



ނޫސްވެރިންގެ
ބައްދަލްވުމުގައި ޒެބްރާ ޑާޓާ ސައިންސަސްގެ މެނޭޖިންގ ޑިރެކްޓަރ ޔާން ޙުމީލެވުސްކީ
ވިދާޅުވީ މި މަސައްކަތް އެއްމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް
އެކުންފުނިން ބޭނުންވާ ކަމަށާއި މިއީ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް
ކުރިއަށް ގެންދިޔުމަށް އެންމެ ރަގަޅު ވަގުތު ކަމަށް. އަދި ރާއްޖޭގައި ތެޔޮ ހުރިކަމުގެ
ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މި ނޫސްވެރިންގެ ބައްދަލްވުމުގައި ޒެބްރާ ޑާޓާ ސައިންސަސްގެ ޖިއޯ ޓެކްނިކަލް މެނޭޖަރ
މާޓިން ބައުޑެން ވިދާޅުވީ ކުރިންކޮށްފައިހުރި ދިރާސާތަކަށް ބަލާއިރު ރާއްޖޭގައި
ތެޔޮ ނުވަތަ ގޭސް ހުރިކަމުގެ ވަރަށް ގިނަ ހެކި ފެންނަން އެބަހުރި ކަމަށެވެ.



 ރާއްޖޭގައި
ތެޔޮ ނުވަތަ ގޭސް ހުރިތޯ ބެލުމަށް ދިރާސާތައް ކުރުމަށް ދެން ޝައުގުވެރިކަން
ފާޅުކޮށްފައިވަނީ ނޯވޭގެ ކުންފުންޏަކުންނެވެ.



މިނިސްޓަރ
ޝައިނީ ވިދާޅުވީ ނޯވޭގެ ކުންފުނީގެ ބޭފުޅުންވެސް އަންނަ މަހުގެތެރޭގައި ރާއްޖެއަށް
އަންނާނެ ކަމަށެވެ . އަދި އެ ދެ ކުންފުނީގެ ހުށަހެޅުންތަކަށް ބެއްލެވުމަށްފަހު އެންމެ
ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހުގެތެރޭގައި ސައެންޓިފިކް
ދިރާސާގެ ޓީމަކުން ރާއްޖޭގައި ތޮރުފުމުގެ މަސައްކަތްތައްކެއްވެސް ކުރިއަށް
ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.





ތެޔޮ ހުރި ތޯ ބެލުމަށް ކުރާ ދިރާސާގައި ސަރުކާރުން
ބޭނުންވަނީ މުޅި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެޔޮ ހުރިތޯބެލުމެވެ.



ރާއްޖެއިން ތެޔޮ ހޯދުމަށްޓަކައި ކުރެވޭ
މި މަސައްކަތަށް ސަރުކާރުން އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. އަދި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެބްރާ
ޑާޓާ ސައިންސަސްގެ ފަރާތުންވެސްވަނީ އެކަން ކަށަވަރުކޮށްދީފައި. އެފަރާތުން
ބުނެފައިވަނީ މިމަސައްކަތް ކުރާނީ ރާއްޖެއިން ޚަރަދުކުރަން ނުޖެހޭ ގޮތަށް އަދި
ރާއްޖެއަށް މަންފާލިބޭފަދަ ގޮތަކަށް ކަމަށެވެ.



ރާއްޖެއިން ތެޔޮހޯދުމަށްޓަކައި ކުރެވޭ މަސައްކަތަކީ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ  ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް
މުހިއްމު ވަޢުދެކެވެ. މީގެކުރިންވެސް ރާއްޖެއިން ތެޔޮހޯދުމަށްޓަކައި
މަސައްކަތްކުރެވި އެކަން އެހާ ކާމިޔާބު ނުވި ކަމުގައި ވިޔަސް މިފަހަރު
ކުރެވެމުންދާ މިމަސައްކަތުން ލިބެމުންދާ ނަތީޖާތަކުން މިވަނީ މިކަމުގައި
ވަރަށްބޮޑު އުއްމީދުތަކެއް އާވެފައެވެ. މިމަސައްކަތް ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ
އިގްތިސާދަށް ހީވެސް ނުކުރާފަދަ ބޮޑު ކުރިއެރުންތަކެއް އަންނާނެއެވެ.