ވިޔަފާރި

ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި އުރީދޫ ޑިޖިޓަލް ސެންޓަރގެ ޚިދުމަތްދޭން ފަށައިފި


ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި އުރީދޫ ޑިޖިޓަލް ސެންޓަރގެ ޚިދުމަތްދޭން ފަށައިފިއެވެ.

24 ގަޑިއިރު ޙިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހުންނަ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އުރީދޫން ހާމަކުރެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތަކެވެ.

ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ. މީގެތެރޭގައި:

- ބިލަށް ފައިސާ ދެއްކުން
-ރީޗާރޖްގެ ޚިދުމަތްތައް
-އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

މިރަށް ރަށުގައި އަލަށް ދޭން ފެށި މި ޙިދުމަތްތަކާއި ގުޅޭގޮތުން އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ މި ހާލަތުގައި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެ ދެކޭ ކަމަށެވެ.

"އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ. އަޒުމަކީ މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން." އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރ ވަނީ މާލޭގައި އިފްތިތާހުކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވާފައެވެ.

އެންމެ ފަހުން ހުޅުވާލެވުނު ޑިޖިޓަލް ސެންޓްރުތައް ގާއިމް ކުރެވިފައިވަނީ:

1.އުރީދޫ އެކްސްޕީރިއެންސް ސެންޓަރ
ރަންނަބަނޑޭރި މަގު،
ގދ. ތިނަދޫ

2.އުރީދޫ އެކްސްޕީރިއެންސް ސެންޓަރ
ފެންފުވައް މަގު، މާދަޑު،
ޏ. ފުވައްމުލައް

3.އުރީދޫ އެކްސްޕީރިއެންސް ސެންޓަރ
އަމީނީ މަގު,
ހދ. ކުޅުދުއްފުށި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ.