ވިޔަފާރި

މިހާރު ލިބޭ އަގު ކުރިއަށް ވުރެ ރަނގަޅުކަމަށް ދަނޑުވެރިން ބުނޭ- އެގްރޯ ނެޝަނަލް


ދަނޑުވެރިން ހައްދާ ތަކެއްޗަށް މިހާރު ލިބޭ އަގު ކުރިއަށް ވުރެ ރަނގަޅުކަމަށް ދަނޑުވެރިން ބުނަމުންދާކަމަށް އެގްރޯ ނެޝަނަލް ކޯރޕަރޭޝަނުން ހާމަކޮށްފިއެވެ.

އެގްރޯ ނެޝަނަލް އަކީ ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި މާރކެޓްކޮށް، ދަނޑުވެރިންނަށް ރަނގަޅު އަގެއް ހޯދައިދީ، ދަނޑުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިދިޔަ ރޯދަމަސްތެރޭ އެގްރޯ ނެޝަނަލްގެ މަސައްކަތްތައް ފަށާފައިވާއިރު އެ ކުންފުނިން ދަނީ ރަށްރަށުގައި ހައްދާ ތަކެތި މާލެއަށް ގެނެސް މާލޭގެ ފިހާރަތަކަށް ފޯރުކޮށްދެމުންނެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދަނޑުވެރިންނަށް ރަގަޅު އަގެއް ހޯދައިދިނުން ކަމަށެވެ. މިހާތަނަށް އައި އިރު ދަނޑުވެރިންގެ ފަރާތުން ލިބެމުންދަނީ ޕޮޒިޓިވް ފީޑުބެކްތަކެއް ކަމަށާއި، އެގޮތުން ކުރިއަށްވުރެ ރަނގަޅު އަގެއް މިހާރު ލިބޭ ކަމަށް ދަނޑުވެރިން ބުނަމުންދާކަމަށް ހާރޫން ވިދާޅުވިއެވެ.

"ދަނޑުވެރިންގެ ފަރާތުން ލިބެމުންދާ ފީޑުބެކަކީ ކުރިން ވިއްކަމުން ދިޔަ އަގަށްވުރެ ރަނގަޅު އަގެއްކަމަށް، މާލޭ ފިހާރަތަކަށްވެސް ވިއްކަމުން ދިޔައީ ހެޔޮ އަގެއްގައި، އެފަރާތްތަކުންވެސް ރަނގަޅު ތަރުހީބެއް ލިބޭ، 800 އެއްހާ ފިހާރަ ވަނީ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައި" ހާރޫން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، ރަށްރަށުން ތަކެތި ގެނައުމުގައި ހުރަސްތަކެއް ހުރިކަމަށް ހާރޫން ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލުންތަކުން ލިބެމުންދާ އެއްބާރުލުން ހާރޫން ފާހަގަކުރެއްވިއެވެ.