ވިޔަފާރި

އެގްރޯ ނޭޝަނަލްއިން ދަނޑުވެރިކަންކުރާ 44 ރަށަކުން ދާއިމީކޮށް ތަކެތި ގަންނަން ފަށަނީ


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ 44 ރަށަކާއެކު އެއްބަސްވުންތަކެއް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް ގަތުމަށް ރާވާފައިވާ ކަމަށް އެގްރޯ ނެޝަނަލް ކޯރޕަރޭޝަނުން ހާމަކޮށްފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި އުފައްދާފައިވާ ކުންފުންޏެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ފޯން މެދުވެރިކޮށް ބައިވެރިވަޑައިގެން އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށްތަށް ފާހަގަކޮށް އެރަށްރަށުގެ ދަނޑުވެރިންނާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މިފަދަ ޕްރޮޖްޓެއް ޔޫއެންޑީޕީއާއި ގުޅިގެން ލ.އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮޖެކްޓުގެ ދަށުން ލ.އަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ.

" މި ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ދިނުމާއި އުފައްދާ ތަކެތި މާރކެޓު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއި، ދަނޑުވެރިންނަށް ބޭނުންވާ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން ފަދަ ކަންތައްތައް ހިމެނޭ،" ހާރޫން ވިދާޅުވިއެވެ.

ހާރޫން ފާހަގަކުރެއްވިގޮތުގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތަކަށް ދަނޑުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

"އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" މެދުވެރިކޮށް ދިވެރިރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީކުރުމަށް މަސައްކަތްކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.