ވިޔަފާރި

މޮނިޓަރިންގގެ ހާލަތުގައި ނެތް ރިސޯޓުތަކަށް މުވައްޒަފުންނަށް މިހާރު ދެވޭނެ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މޮނިޓަރިންގގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓުތަކަށް މިހާރު ދެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މޮނިޓަރިންގގެ ހާލަތުގައިހުރި ރަށްރަށުންނާއި، މޮނިޓަރިންގގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށްވެސް އެޗްޕީއޭއިން ނިންމަވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިގޮތަށް ރަށްރަށުން ރިސޯޓުތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެއޭޖެންސީން އަންގާފައިވާތީ، ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ހޮޓްލައިން 7273131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެމިނިސްޓްރީންވަނީ އެދިފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުންދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހުގެ މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ. ނަމަވެސް ސަރުކާރުން މިހާރުދަނީ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.