ވިޔަފާރި

ބިދޭސީ 24 ކޭޝިޔަރުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


ކޭޝިއަރުންގެ ގޮތުގައި
މަސައްކަތް ކުރާ ބިދޭސީން ހޯދުމަށްޓަކައި ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގައި މިހާތަނަށް
ސައުވީސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަނުން ވިދާޅުވީ އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާތީކަމަށެވެ. އެގޮތުން އެއްވެސް އިރެއްގައި
ބިދޭސީ މަސައްކަތްތެރިންނަށް ކޭޝިޔަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދައެއް
ދީފައި ނުވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގެ އެކި ގަޑިތަކުގައި
ތަންތަން ޗެކް ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި  ބިދޭސީ ކޭޝިއަރުން ތިބޭ ތަންތަން ޖޫރިމަނާ ކުރުމުގެ
އިތުރަށް އެފަދަ ފަރާތްތައް ވަކި މުއްދަތަކަށް ބިދޭސީން ނުގެނެވޭގޮތަށް ބުލެކް
ލިސްޓް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.  



ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރާ
ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވަލޮޕްމަންޓް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ
އޮޕަރޭޝަން ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގައިވެސް ކުރިއަށްގެންދިޔުމަށް
ރޭވިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.



ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ބައިތިއްބާ
ފަރާތްތައް އިމިގްރޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ޖޫރިމަނާ ކުރަނީ ދިހަ ހާސް
ރުފިޔާ އިން، އަދި އެފަދަ ފަރާތްތައް އިކޮނޮމިކް މިނިސްޓްރީން ދެހާސް ރުފިޔާއިން   ޖޫރިމަނާ ކުރާނެއެވެ. މިޚާއްސަ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ
ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީންގެ ވިސާ ބާތިލްކުރުމަށްފަހު، ރާއްޖެއިން
ފުރުވާލެވޭނެ ކަމަށް އިިމިގްރޭޝަން ޑިޕާރޓްމަންޓުން ބުނެއެވެ. މި އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް
ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިިމިގްރޭޝަން ޑިޕާރޓްމަންޓުން މައުލޫމާތުދެއެވެ.