މާލެ ސަރަހައްދު ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކާއިއެކު ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ ދުވަހު އިލެކްޝަން ކޮމިޝަން ހުޅުވިފައި ހުންނާނެކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކޯވިޑް 19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން 31 މޭ 2020 ން ފެށިގެން 11 ޖޫން 2010 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަންނަވާފައި ވާތީ މިމުއްދަތުގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހެއްގެ 11:00 އިން 14:00 އަށް އިލެކްޝަން ކޮމިޝަން ހުޅުވުމަށް ނިންމާފައިވާކަމަށެވެ.
އަދި އެ ކޮމިޝަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އީމެއިލްގެ ޒަރީއާއި ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ހުރިހާ އޮފީސްތަކާއި، އެހެނިހެން މަސައްކަތްކުރާ ތަންތަންވެސް ބަންދުކޮށްފައެވެ. މިހާލަތު ކުރިމަތިވި އިރު މުވައްސަސާތަކުގެ ތެރެއިން އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާ މުވައްސަސާއަކީ އިލެކްޝަން ކޮމިޝަނެވެ. އެގޮތުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވުމަށް ހުޅުވާލައި، ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންބަރުވެސް ތަރުތީބުކޮށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ނަމަވެސް ކޯވިޑް 19 އާއި ގުޅިގެން ރާޢްޖޭގައި އިއުލާންކުރެވުނު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއިއެކު އިންތިޚާބް ފަސްކުރެވި ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސް އިންތިޚާބެއް ބޭއްވުމާއި ހަމައަށް މިހާރުތިބި ކައުންސިލަރުން މަޤާމުގައި ދެމިތިބެވޭ ގޮތް ވަނީ ހަދާފައެވެ.