ޚަބަރު

ކޮމިޓީގެ ވިސްނުން ހުރީ ސީއެސްސީގެ ހުރިހާ މެމްބަރުން މަޤާމުން ވަކިކުރުމަށް


ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަނުގެ 4 މެމްބަރުން ވަކިކުރަން ނިންމާފައިވަނިކޮށް، އެންމެ ފަހުން އެކޮމިޝަނަށް އައްޔަނުކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް މެމްބަރުކަމުން ވަކިކުރުމަށްޓަކައި ކޮމިޓީންފާސްކޮށް މަޖިލީހުގެ ރިޔާސަތަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި އާމިރާ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައި ވަނީ އޭނާ ކޮމިޓީއަށް ދެއްވާފައިވާ މައުލޫމާތު ތަކުގައި އޮޅުވާލުުންތަކެއް ހިމެނޭތީ އާއި އަދިވެސް ކޮމިޓީގެ ބައެއް މެމްބަރުންނަށް ފާހަގަކުރެވުނު ކަންތައްތަކާއި ގުޅިގެންނެވެ. ކޮމިޝަނުން އާމިރާ ވަކި ކުރުމަށް މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުއްވުމަށް އެކަން ކޮމިޓީގައި ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގެވެ. ސިވިލްސާވިސް ކޮމިޝަަނަށް އާމިރާ އައްޔަންނުކުރައްވާފައި ވަނީ 2018 ވަނަ އަހަރު ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.

ކޮމިޝަންގެ މެމްބަރުކަމުން އާމިރާ ވަކި ކުރައްވަން ހުށަހަޅުއްވާފައި ވާއިރު މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރެއްގެ މައްސަލަ ބަލައި އެކި ފަހަރުމަތީން އެބޭފުޅުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ކޮށްފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައި އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.

ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.

ސިވިލްސަރވިސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ދަތިވޭތޯ ބެލުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ދައުލަތުގެ ވަޒީރުންނާވެސް ބައްދަލުކުރައްވައި މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.