ޚަބަރު

ކޯވިޑް-19 : 600 ޑޮކްޓަރުންނާއި ނަރުހުން ކުއްލި ފަރުވާއަށް ތަމްރީނުކޮށްފައިވޭ


ކޯވިޑް- 19 އާއި ގުޅިގެން ކުއްލި ޙާލަތުގައި ފަރުވާދިނުމަށް 600 ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑރ. މޫސާ ހުސައިން ވިދާޅުވީ މިޙާލަތުގައި ކުއްލި ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުވެފައި ތިބުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ހިންގި ތަމްރީންތަކުގެ ތެރޭގައި 2 ދުވަހެއްގެ މުއްދަތަކަށް ހިންގި ޓްރެއިނިންގައި 500 އަށްވުރެ ޑޮކްޓަރުންވަނީ ތަމްރީނުކޮށްފައެވެ. މިތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗްގައި ތިބި އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި އެހެން ހޮސްޕިޓަލުތަކުގެ އިތުރުން ކްލިނިކްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންވެސް ބައިވެރިވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމުގައި ކޯވިޑް ބަލިމީހުންނަށް ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ދޭނެ ގޮތާއި އަމިއްލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން ލޮކްޑައުންގެ ޙާލަތުގައިވެސް ވެބިނަރ މެދުވެރިކޮށް ހަތްދިހަ އަށް ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުންވަނީ ތަމްރީނުކޮށްފައެވެ. އަދި 7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އިތުރު ތަމްރީން ޕްރޮގްރާމެއްގައި 11 ޑޮކްޓަރުންނާއި ނަރުހުންވަނީ ތަމްރީނުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މޫސާ ހުސެއިން ވިދާޅުވީ މިދަނޑިވަޅުގައި ކުއްލިއަކަށް ފަރުވާ ދޭންޖެހޭ ޙާލަތުގައި ބިރެއްނެތި އިތުބާރާއެކު ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ތައްޔާރަށް ތިބުމަކީ މުހިއްމުކަމެއްކަމަށެވެ.

"އަޅުގަނޑުމެންގެ ޓްރެއިނިންތަކުގައި އެކި ޑިޕާޓުމަންޓުތަކުގެ ޑޮކްޓަރުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ތިއްބެވި ޑޮކްޓަރުންވަނީ ޓްރެއިން ކުރެވިފަ. ޓްރެއިނިންގެ އެންމެ ބޮޑު ބޭނުމަކީ ކޮންފިޑެންސް ބިލްޑްކުރުން. މިފަދަ ކަމެއްގައި ކުއްލިއަކަށް ރަށަކުން ކޭސްއެއް ފެންނަ ހިނދުވެސް ބިރެއްނެތި ބަލިމީހާއަށް ފަރުވާދިނުމަށް ތައްޔާރުކުރުން." ޑރ.މޫސާ ހުސެއިން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.މޫސަ ވިދާޅުވީ ރާއްޖެއަކީ ވަޞީލަތްތައް މަދު ޤައުމަކަށްވާއިރު ކޯވިޑް 19އަށް އެންމެ ފުރަތަމަ ތައްޔާރުވީ 3 ކަމެއްގެ މައްޗަށް ވިސްނައިގެންކަމަށެވެ. އެގޮތުން އިންސާނީ ވަޞީލަތް މަދުކަމާއި ސިއްޙީ ދާއިރާއަށް ކޮންމެހެން ބޭނުންވާ ވަޞީލަތްތަކާއި ކުއްލި ޙާލަތުގައި ފަރުވާ ދިނުމުގައި ބޭނުންވާ ވަޞީލަތްތަކަށް ބަލައިގެން މިމަސައްކަތް ފެއްޓެވިކަމަށް ޑރ.މޫސާ ވިދާޅުވިއެވެ.

ރާއްޖޭގައި މިތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ދެކުނު އެފްރިކާގެ 2 ޑޮކްޓަރެއްކަމަށްވާ ޑރ. ބްރޫސް ސްޓޯވަރ އާއި ޑރ. ކްރިއްސާ ޑި ސެންޑަރސަންވަނީ އެހީތެރިވެފައެވެ. މިއީ ރާއްޖޭގައި ކޯވިޑް-19އިގެ ޙާލަތުގައި ސިއްޙީ ފަރުވާ ދިނުމުގައި ދިވެހި ޑޮކްޓަރުންނަށް އެހީތެރިވުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ގެނެސްފައިވާ ޑޮކްޓަރުންގެ ޓީމުގަ ހިމެނޭ ދެމެމްބަރުންނެވެ.