ޔަމަނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ފޮރިން މިނިސްޓަރ މިކަމަށް ގޮވާލެއްވީ ޔަމަނަށް ދިމާވެފައިވާ ހިއުމަނިޓޭރިއަން ކްރައިސިސްއިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާބެހޭ މަތީ ފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވެވި މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ގެދޮރު ގެއްލުން އާންމުކަމަކަށް ވެފައިވާކަން ފާހަގަކުރައްވައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ޔަމަނުގައި އަސާސީ ޚިދުމަތްތަކާއި، ކާބޯތަކެތިން މަހްރޫމުވެ ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު އެބަތިބިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަންގައި ސުލްހަ ޤާއިމްކުރުމާއި، މެދުއިރުމަތީގެ ހަމަޖެހުމާ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ޤާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަން ފާހަގަކުރެއްވި. އަދި ކޯވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޔަމަންގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައިވެސް އެއެހީ ހުއްޓުމެއްނެތި ފޯރުވައިދެވޭނެ އިންތިޒާމް ހަމަޖެހެން ޖެހޭކަމަށެވެ. އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ގުޅިގެން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ޔަމަންގެ ހާލު ބަޔާންކޮށް އެޤައުމަށް ބައިނަލްއަޤްވާމީ އެހީ ފޯރުވައިދިނުމާ ގުޅޭގޮތުން ބޭއްވި މިބައްދަލުވުމުގައި އދ.ގެ މެމްބަރު ގިނަ ޤައުމުތަކުންވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވަޢުދުވެފައެވެ.
މިބައްދަލުވުން އިންތިޒާމްކުރެއްވީ ސަޢުދީ އަރަބިޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސަޢުދުއާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އދ.ގެ ހިއުމަނިޓޭރިއަން އެފެއާޒާބެހޭ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި އިމަރޖެންސީ ރިލީފް ކޯޑިނޭޓަރ މާކް ލޯކޮކްއެވެ.