ކޮލަމް

ކޯވިޑް ދުވަސްވަރު ކުންފުނީގެ މިސްރާބު ބަދަލު ކުރަންޖެހޭތަ؟


ކޯވިޑް-19އާ ގުޅިގެން އައި ފުރަބަންދަށް ލުއިތަކެއް ލިބުނުކަމުގައި ވިޔަސް ވިޔަފާރިތަކަށާއި އަދި އެހެން އޮގަނައިޒޭޝަންތަކާއި އަޅުގަނޑުމެންގެ އިޤްތިޞާދަށާއި މުޅި މުޖްތަމައަށް ހަމަޖެހުމެއް މިވަގުތު އަންނާނެކަމަށް ނުފެނެއެވެ. އިޤްތިޞާދީ މާހިރުންގެ ތެރެއިން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޯވިޑާއި ގުޅިގެން އައި ލޮޅުމަށްފަހު އިޤްތިޞާދުތަކަށް ހަމަޖެހުމެއް އަންނާނީ މިއަންނަ އަހަރުގެ ފަހުކޮޅު ގައެވެ. އެހެންކަމުން، މިވަގުތު ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު ލީޑަރޝިޕް ދެއްކޭތޯ އަޅުގަނޑުގެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެބަޖެހެއެވެ.

ކާރިސާގެ ސަބަބުން ކުރެވޭ މަސައްކަތްތަކަކުން ޝަޚްސިއްޔަތު ބިނާވެގެންނެއްނާންނާނެއެވެ. ނަމަވެސް ކާރިސާތަކުގައި ލީޑަރޝިޕްގެ ޝަޚްސިއްޔަތު ހާމަވަމުން ދާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ކާމިޔަބު ކަމަށް ފެނުނު ކިތަންމެ ކުންފުނިތަކަކަށް މިއަދު ކުރިމަތިލާން މިޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއެވެ.

ކޯވިޑް ކަހަލަ ކާރިސާތަކަށް ކުރިމަތިލުމުގެ އަތްމަތީފޮތެއް ނޯންނާނެއެވެ. މިއަދު ކުންފުނިތަކަށް ބަދަލުގެނެސް މިބަދަލުތަކަށް ކުންފުނި ހާނަން ނޭނގޭކަމަށްވާނަމަ ކުންފުނި ދާނީ ހުއްޓުމަކަށެވެ. އަދި އެންމެ ފަހުން ފެއިލްވެގެންވެސް ހިނގައިދާނެއެވެ. ކުންފުނިތަކަށް އެކި ދިމަދިމާލުން މިދަނީ ގޮންޖެހުންތަކާއި ކުރިމަތި ވަމުންނެވެ. ޢާއިލާއާއި، މުއައްޒަފުން، ކަސްޓަމަރުން، ސަޕްލަޔަރުން އަދި ސަރުކާރާއި މާލީ އިދާރާތަކުންވެސް މިކަންކަން ކުރިމަތި ކުރުވައެވެ. އެހެންކަމުން އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސު މެނޭޖްކުރުމަށް ވިސްނަންޖެހެއެވެ. މީގެ އިތުރުން މުޖްތަމަޢުގައި މިވަގުތު ދިރިއުޅުމަށް ހުރި ހުރަސްތައް ހުރިގޮތުންވެސް އެކިކަހަލަ ނޭދެވޭ އަސަރު ފޯރަމުން ދާނެއެވެ. ކާރިސާއަކުން ދިމާވާ ކަންކަމުން ސަލާމަތްވުމަށް ޑޮކްޓަރަކަށް ދައްކައިގެން ބޭހެއް ހޯދައިގެން އެއްފަހަރުން ސަލާމަތްވެވޭނެ ފަސޭހަ ގޮތެއް ނޯވެއެވެ.

ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭ

ދެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ މި ޙާލަތާއި ބެހޭ މަޢުލޫމާތު ހޯދައި އަޅުގަނޑުމެންނަށް ސޯޝަލް މީޑީއާއާއި ޓީވީ ޗެނެލްތަކުން ފޮނުވާ ޚަބަރުތަކުގެ ތެދު ދޮގު ދެނެގަތުމެވެ. ސަރުކާރުންދޭ މަޢުލޫމާތުތަކާއި އެޗްޕީއޭ، އަދި ޑަބްލިޔޫއެޗްއޯ ފަދަ ޖަމްޢިއްޔާތަކާއި އޮގަނައިޒޭޝަންތަކުން އަންގާ އެންގުންތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ މައުލޫމާތު މުއްސަނދި ކުރުމެވެ.

ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި ކޮންމެ ދުވަހަކަވެސް ކޮންމެ ގަޑިއަކުވެސް ކަންތައްތައް ބަދަލުވަމުން ދާނެކަމެވެ. މިސާލަކަށް، ކޯވިޑާއި ގުޅިގެން އެންމެ ފުރަތަމަ އަޑުއިވިގެންދިޔައީ މާސްކް އެޅުމުގެ ކަންތައްތައް ހުންނަންވީގޮތެވެ. މާސްކް އެޅުމުގެ ވާހަކަ ދައްކަމުންގެން ދިޔައީ ބަލި ނުޖެހެނީސް ކޮންމެހެން މާސްކް އަޅަން ނުޖެހޭކަމަށެވެ. މިއަދު އިލްތިމާސްތައް އަންނަނީ މީހަކާ ވަކި ވަރަކަށް ކައިރިވާއިރު، އަދި ޢާންމު ތަންތަނުގައި އަޅުގަނޑުމެން އެންމެން މާސްކް އެޅުމަށެވެ. ކަންކަން ބަދަލުވަމުން މިއަންނަނީ ވަރަށް އަވަހަށެވެ. ފިހާރަ ރެސްޓޯރަންޓް ބަންދު ކުރަން ޖެހުނީވެސް ކުއްލިގޮތަކަށް ނޫންތޯއެވެ.

ކުންފުނީގެ ޒިންމާގައި ތިބި މުއައްޒަފުންނަށް ރައްކާތެރިކަން ހޯދައި ދެވޭނެ ގޮތްތައް ބަލައި ޔަޤީން ކުރަންޖެހެއެވެ. އެއީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ތަރުތީބާއި އަދި ޕްރޮޓޮކޯލްތައް ހެދިފައި ހުރިތޯ ޔަގީންކުރުމެވެ. ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ. އަދި ގޭގައި ތިބެގެން މަސައްކަތްކުރާއިރު އެންމެންނަށް ކަންކަން އަންގައިދިނުމާއި އެންމެން މަސައްކަތުގައި ބައިވެރިކޮށްގެން އެންމެންގެ ރައްކާތެރިކަމާއެކީ މަސައްކަތްކުރެވޭނެ ގިއުގަޑެއް އެކުލަވާލުމެވެ. އަދި ހަމަމިއާއެކު އަޅުގަނޑުމެން ކުރިއަށްދާނެ ޕްލޭނާއި ގައިޑްލައިނެއް އެކުލަވާލުމެވެ.

މިއަދުގެ ޙާލަތަކީ މާދިގުމުއްދަތަކަށް ޕްލޭނެއް އެކުލަވާލައިގެން ކުރިއަށް ދެވިދާނެ ޙާލަތެއްނޫނެވެ. ކުރިއަށް އޮތް ހަފްތާއަކަށް ނުވަތަ މަސްދުވަހަށް، ނުވަތަ ތިންމަހަކަށް، ނުވަތަ ކުއާޓަރއަކަށް ޕްލޭންކޮށްގެން ގެންދެވޭނެ ޕްލޭނެއް ރާވަންވީއެވެ. އަދި މިޕްލޭންއަކީ ކާރިސާގެ ކުރިން އޮތް ޕްލޭން ބަދަލު ކުރަން ޖެހޭ ޕްލޭންއެއް ނޫނެވެ. ވިސްނައިގަންނަންވީ އެކިއެކި ސިނާރިއޯތަކަށް އަޅުގަނޑުމެންގެ ކުންފުނި ބައްޓަންކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ކަންކަން ރާވައިލުމެވެ. މިސާލަކަށް ޕްލޭން ބީ، ސީ، ޑީ، މިގޮތަށް ޕްލޭންތަކެއް އޮތުމެވެ. މިއިން އެވަޤުތަކަށް އެންމެ އެކަށިގެންވާ ޕްލޭންއަކާގެން ކުރިއަށް ދާނީ ކުންފުނީގެ މައިޕްލޭންގެ ބައެއް ކަމުގައި ދެކިގެންނެވެ. ބޮޑު މަންޒަރު ލޯމަތިން ގެއްލުވައި ނުލައެވެ.

ކާރިސާގެ މިވަޤުތުގައި ހުރީ އަޅުގަނޑު އެކަނިމާ އެކަންޏެއް ނޫނެވެ. އަދި ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަން ހުރީވެސް އެކަންޏެއް ނޫނެވެ. ކުންފުނީގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ މުޅި ޓީމް މިކަމުގައި ޝާމިލްކުރެވެނޭ ގޮތްތަކެއް ރާވަންޖެހޭނެއެވެ. ކުންފުނީގެ ބޯޑުގެ ޚިޔާލާއި ރުހުމާއެކު ކުރެވޭ މަސައްކަތަކަށް މިކަންވާންވާނެ އެވެ. ޤަބޫލު ކުރަންވީ އަޅުގަނޑުމެން އެކަކަށްވުރެ އަޅުގަނޑުމެން ހުރިހާ އެންމެން އެކުގައި މާކުޅަދާނަވާނެކަމެވެ. އެހެންކަމުން، އެކަނި މިކަމާ ކުރިމަތިނުލައި އެންމެން ޝާމިލުކޮށްގެން ކުރިމަތިލެވޭނެ ގޮތްތަކެއް ރާވަންވީއެވެ. އަދި އެންމެންގެ ޚިޔާލާއި އެހީތެރިކަމާއެކު އެކުލާވާލެވޭ ގައިޑްލައިނެއް އެކުލަވާލަންވީއެވެ.

މި ކާރިސާގެ ތެރޭގައި މިވީ މަދު ދުވަސްކޮޅު ވަރަށް ގިނަކަންތައްތަކެއް އެހާމެ އަވަހަށް މިދަނީ ބަދަލުވަމުންނެވެ. ގައިޑްލައިނެއް އެކުލަވާލާވާހަކަ ދައްކާއިރު، މި ގައިޑްލައިން މުއައްޒަފުންނާއި ކްލައިންޓުންނާއި ޙިއްޞާ ކުރެވޭނެގޮތްތަކެއް ހަދަންޖެހެއެވެ. އެފަރާތްތަކާ މުއާމަލާތު ކުރެވޭނެ ގޮތްތައް ހޯދަންޖެހެއެވެ. ބޭނުން ކުރާނެ ވަޞީލަތްތައް ދެނެގަންނަންޖެހެއެވެ. ކޮންމެ ދުވަހަކީ މުއާމަލާތުކުރާ ދުވަހެއްކަމުގައިނުވިއަސް، މި މުއާމަލާތުތައް ކުރިއަށް ގެންދަންވާނީ އޭގެ ސަމާލުކަން ކުޑަނުވާނެގޮތަކަށެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި މުވާސަލާތުކުރުމަށް ބައިވަރު ވަޞީލަތްތައް އެބަހުއްޓެވެ. ވީޑިއޯކޮންފަރެންސިންގ ގެ އެކި ސޮފްޓްވެއަރ ތައް އެބަހުއްޓެވެ. މިސާލަކަށް -ޒޫމް، ގޫގުލް މީޓް، ސްކައިޕް. އަދި ވައިބަރ، ވަޓްސްއަޕް، ޓެލެގްރާމް ފަދަ އެޕްލިކޭޝަންތައް ފަސޭހަކަމާއެކު ބޭނުން ކުރަވެން އެބަހުއްޓެވެ.

ކޯވިޑްގެ ކާރިސާ އާއި ގުޅިގެން އެމީހެއްގެ ލީޑަރޝިޕްގެ ބައްޓަމާއި ސްޓައިލަށް އެއްވެސް ކަހަލަ ބަދަލެއް ގެންނާކަށް ނުޖެހޭނެއެވެ. އެމީހާ ކުރިންވެސް މެނޭޖްކުރަމުން ގެންދިޔަގޮތަށް ކުރަމުން ގެންދިޔައިމަ ނިމުނީއެވެ. މިކަމާ ގުޅިގެން ތިމާގެ މެނޭޖްމަންޓް ސްޓައިލް ރައީސް އިބްރާހިމް ނާޞިރު ގެ ލީޑަރޝިޕް ސްޓައިލަށް ބަދަލުކޮށްލާނަމޭ ނުވަތަ އެހެން ލީޑަރެއްގެ ގޮތަށް ބަދަލުކޮށްލާކަށް ނުޖެހޭނެއެވެ. މިވަގުތު އަޅުގަނޑުމެންގެ ޙާލަތު ވަރަށް ތެދުވެރިކަމާއެކީ ސާފު ބަހުން ބުނެދެމުންގެންދަންވީއެވެ. އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އެގޭކަށްނުޖެހެއެވެ. އަޅުގަނޑުމެންނަށް ނޭނގޭ ކަންތައްވެސް ހުންނާނެއެވެ. އެފަދަ ކަމަކާއި ދިމާވީމާ ތިޔަ ކަމެއްނޭގެއޭ ބަލާލާނަމޭ ބުނެ އެކަން އަންގައިދިނުމުން ރަގަޅުވާނެއެވެ.

މިއަދު އެންމެ މުހިއްމު ކަމެއް ދޭންވީ އަޅުގަނޑުމެން އަމިއްލަ ނަފްސާއި މެދު ވިސްނުމަށެވެ. ލީޑަރޝިޕެއްގެ ދައުރުގައި މެނޭޖްކުރަން ހުންނަ ބޭފުޅާ ނިންޖާއި ސިއްހަތަށް ސަމާލުކަން ދޭންވާނެއެވެ. ނިމިގެންދިޔައީ ވަރަށް ފިކުރާއި ހާސްކަން ބޮޑު ދުވަސްވަރެކެވެ. ރޯދަމަހުގެ ކެއުމާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ގިނަ ބަދަލުތަކެއް އައި ދުވަސް ވަރެކެވެ.

މިހާރު ރޯދަމަސް ނިމި ހަމަޖެހުމަކަށް މިއާދެވުނީ އެވެ. އެހެންވީމާ ހަމަޖެހިގެން ތިބެ ވިސްނަންވީ އަޅުގަނޑުމެން ކަންކަން ކުރެވިދާނެ އެކި އެކި ގިނަ ގޮތްތައް ބަލައި އެކަންކަމަށް ސަމާލުކަންދިނުމަށެވެ. އަބަދުވެސް ސިކުނޑީގައި ބަހައްޓަންވީ ކުންފުނިތަކާއި ކޯޕަރޭޝަން/އޯގަނައިޒޭޝަން ދެމި މިތިބީ އަޅުނގަޑުމެންގެ ޚިދުމަތް ހޯދާ ފަރާތްތަކަށްޓަކައި ކަމެވެ. އެއީ ކަސްޓަމަރުން ވިޔަސް ކުންފުނީގައި ވަޒިފާ އަދަކުރާ މުއައްޒަފުންނާއި ސަޕްލަޔަރުނާއި ޢާންމު ރައްޔިތުން ކަމުގައި ވިޔަސް މި ފަރާތްތަކުގެ ބޭނުންތައް ފުއްދައިދިނުމަކީ އެ އޮގަނައިޒޭޝަނެއް ނުވަތަ އެކުންފުންޏެއްގެ އެންމެ މުހިއްމު އަމާޒު ކަމުގައި ދުށުމެވެ.

މިވަގުތުވެސް ކަންކަން ނިންމުމުގައި ޖަޒްބާތާއި އިޙްސާސްތަކަށް ތަންނުދީ އަޅުގަނޑުމެންގެ ވައްޓަފާޅިއާއި އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކަންކަން ނިންމަމުން ގެންދިއުމަށް ސަމާލުކަންދޭންޖެހޭނެ އެވެ. މިދަނޑިވަޅުގައި މުއައްޒަފުނާއި ދޭތެރޭ ކަންކުރަމުން ގެންދާގޮތަކީ މުއައްޒަފުންގެ ހިތުގައި ވަރަށް ބޮޑަށް ބިންވަޅު ނެގޭނެ ކަންތައްތަކެވެ. އެކަމަކު މިއީ އެއްގޮތަކަށްވެސް ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަންވީ ދަނޑިވަޅެއްވެސް ނޫންމެއެވެ. މީއީ ކަންކަން ނިންމުމަށް މީޒާނަށް އަމާޒު ހިފަންޖެހޭ ވަޤުތެވެ. ކޯވިޑް 19އަކީ ވަރަށް ގިނަ ކަންތައްތައް ބިންވަޅު ނެގިގެން އަންނާނެ ހާލަތެއްކަމުގައި ދެކިގެން އަދި މިކަމަކީ އަޅުގަނޑުމެންގެ ނަފްސާއި ދޭތެރޭގައި ވެސް ވަރަށް ގިނަ ފަރާތްތަކުން ގޮތްތަކެއް ނިންމާނެ ވަގުތެއް ކަމުގައި ދެކިގެން ކަންކަމާއި ކުރިމަތިލަމުން ގެންދިޔުމަކީ ވަރަށް މުހިއްމުކަމެކެވެ. މިވަގުތަކީ އިސްނެގުމުގެ ވަގުތެވެ. ކުރިއަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތެވެ.

އެޑިޓަރުގެ ނޯޓް

އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.