ކޮލަމް

ރޭޑިއޯ: ދިވެހިން އެއްބައިވަންތަ ކުރުވާ އެއް ވަސީލަތް


ރޭޑިއޯއަކީ މިއަދު ވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ޚާއްސަ ދައުރެއް އަދާ ކުރަމުން އަންނަ ވަސީލަތެކެވެ. ވަރަށް ގިނަ ފަރާތްތަކެއްގެ ހަޔާތަށް ފުރިހަމަކަން ގެނެސްދޭ ބައިވެރިއެކެވެ. ދިވެހީން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން ދިޔަ ކަމުގައިވިޔަސް އަޅުގަނޑުމެން އެއްބައިވަންތަ ކުރާ އެއް ވަސީލަތަކީ ރޭޑިއޯއެވެ. އިންސާނިޔަތުކަމާއި ޑިމޮކްރަސީގެ ހަމަތަކުން އެކުލެވިގެންވާ އެއް މަންސައަކަށް ރޭޑިއޯ ވާނެއެވެ.

ރޭޑިއޯއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ފަސޭހަކަމާއެކު އަގަކާ ނުލައި ލިބޭ ވަސީލަތަކަށް ވާތީ އަޅުގަނޑުމެންގެ ތަފާތު ތަޖްރިބާތައް ހިއްސާ ކޮށްލަން އުނދަގުލެއް ނޫނެވެ. އަދި އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ އެކި ކަންކަމާ ގުޅޭ އިހްސާސްތައް ހިއްސާކުރަން ވަރަށް ފަސޭހަ ވަސީލަތަކަށް ރޭޑިޔޯ ވަނީ ވެފައެވެ. އަޅުގަނޑުމެން މިއަދު ކުރަން މި ޖެހެނީ އަޅުގަނޑުމެންގެ އެކި ހިސާބުތަކުގެ ބަހުރުވައާއި ސަގާފަތް ރޭޑިއޯގެ މަންސައިގައި ހިމެނޭނެ މަގެއް ހޯދުމެވެ.

ރޭޑިއޯއަކީ ވަރަށް ދުވަސްވީ ވަސީލަތެކެވެ. ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް ދޭން ފެށުނީ 1962ގައެވެ. މި ޚިދުމަތް ފެށުނީ ވަރަށް މަތިވެރި މަޤްސަދެއްގައެވެ. އެއީ ދިވެހިރާއްޖެ މިނިވަން ޤައުމަކަށް ވާން ޖެހޭ ކަމުގެ ޝުޢޫރުތަކާއި އެ ކަމުގެ ޖޯޝް އުފެދިގެން ކެކި އުތުރުނު ދުވަސްވަރެވެ. މިހެން ވުމުން މުޅި ޤައުމު އެއްބައިވަންތަ ކުރުވުމާއި ޤައުމީ ރޫހް ރައްޔިތުންްގެ ހިތްތަކުގައި އުފެދި އާލާވުން އެއީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. ރޭޑިޔޯގެ ޚިދުމަތުގެ މަތިވެރި މަޤުސަދު ލާމެހިފައިވަނީ މިދެންނެވި މުހިންމު ބޭނުންތަކާއި އަމާޒުތަކާއެވެ.

ރޭޑިޔޯގެ ޚިދުމަތް ވާސިލް ނުވާ ހިތެއް ކަންފަންތެއް ނެތެވެ. ޤައުމަށް ދިމާވި ބޮޑެެތި ކަންތަކާއި އެކިއެކި ހާދިސާތަކާއި ކާރިސާތަކުގެ މައުލޫމާތު ހޯދައި ފޮރުވުމެއް ނެތް ގޮތުން ރޭޑިޔޯ ގެންދަނީ ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގައި ރޭޑިޔޯގެ ދައުރު މިނޭނެ ނާޅިއެއް ނެތެވެ. އެ ޚިދުމަތުގެ އަގު ވަޒަންކޮށް ކިރާނޭ ތަރާދެއް ތިލަފަތެއް ނެތެވެ.

ދިވެހިރާއްޖޭގައި ޒަމާނީ މިޔުޒިކު އުފެދިގެން އައި ދުވަސްވަރު، އާދެ! 1970ގެ އަހަރުތަކުގެ ތެރޭގައި އާންމު ރައްޔިތުން މުނިފޫހި ފިލުވައިދިން އެކުވެރިއަކީ ވެސް ރޭޑިއޯއެވެ. 80ގެ އަހަރުތަކުގައި މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ހިންގަން ފެށި އަސާސީ ތައުލީމްގެ މަސައްކަތުގައި ރޭޑިއޯ އަދާ ކުރި ދައުރު އިންތިހާއަށް ބޮޑެވެ. ދިވެހީންގެ ހިތްތަކުން އަދިއަދަށް ދާން ދެން ވެސް ދިވެހި ބަހުގެ އަކުރުތަކުގެ ލަވަތައް ހިތުން ނުފިލައި ހުރުމުގެ ހަގީގީ ސިއްރަކީ ރޭޑިޔޯއެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރަން ބާރު އަޅައި ރޭޑިޔޯ އަދާ ކުރި ދައުރު އެކަނި ވެސް އެތައް މުވާޠިނަކު ކެއްސުން ބައްޔާއި ކެންސަރު ފަދަ ބަލިތަކުން ސަލާމަތް ވުމުގެ ވަޠަނީ ފަރުވާއަކަށް ފުދެއެވެ. ކުޅިވަރުގެ އެކި ދާއިރާތަކާއެކު އެދުވަސްވަރު ރާއްޖޭގައި ފުޓްބޯޅަ ފޯރި އުފައްދައިދިން ބައިވެރިޔަކީ ވެސް ޚުދު ރޭޑިއޯއެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރޭޑިއޯ ހުއްޓުމެއް ނެތި ރާއްޖޭގެ އެކިއެކި ހިސާބުތަކުގެ ޚަބަރާއި ހާލަތު ބަލަމުން އަދި ރިޕޯޓްކުރަމުން ދިޔައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ހުރި ބިރުވެރިކަމާއި ނުތަނަވަސްކަމާއި ބިރާސް ފިލުވަދިން އެކުވެރިޔަކީ ރޭޑިއޯއެވެ. ރާއްޖެ ޑިމޮކްރަސީއަށް އަޑު އުފުލަމުން ދިޔަ 2000ގެ އަހަރުތަކުގައި ރޭޑިއޯ ދިޔައީ އާންމު ރައްޔިތުންނަށް ޖިނާއީ ތައުލީމް ދެމުންނެވެ. ޑިމޮކްރަސީއަށް ހޭލުންތެރި ކުރުވަމުންނެވެ.

މާލެއަށް ކުރިމަތިވި ފެނުގެ ހާދިސާއާއި މިއަދު އަޅުގަނޑުމެން ތަޙައްމަލް ކުރަމުން މިދާ ކޯވިޑް-19 އާލަމީ ވަބާގައި ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ކުރަމުން ގެންދަނީ އަގު ނުކުރޭ ވަރުގެ މަސައްކަތްތަކެކެވެ. ފުރަބަންދުގެ ދުވަސްވަރުގައި ވެސް ރޭޑިއޯގެ ޚިދްމަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުނީ ރޭޑިއޯގެ މުއައްޒަފުން މަސައްކަތަށް ހުރި ޝައުގުވެރިކަމާއި ޤައުމަށް ހުރި ލޯބީގެ ރިވެތި ނަމޫނާ ދައްކަވަމުންނެވެ.

އަޅުގަނޑުމެން ރޭޑިޔޯގެ ޚިދުމަތުގައި ގުނަމުން މި ގެންދަނީ 60 އަހަރުގެ ޚިދުމަތުގެ ސަފުޙާތަކެވެ. މިއަހަރު ޑިސެންބަރު މަހުގެ 29ގައި ރޭޑިއޯ ޚިދުމަތަށް 60 އަހަރު ފުރޭނެއެވެ. މި ވޭތުވެ ދިޔަ 59 އަހަރު ތެރޭގައި ވަރަށް ގާތް ގުޅުންތަކަކާއި ޑައިލޮގާއި ވާހަކަތަކެއް މިވަސީލަތުގެ ޒަރިއްޔާއިން ދިވެހީންނާ އެކު މިވަނީ ލާމެހިފައެވެ. މިއީ 60 އަހަރުގެ މިއުޒިކާއި ލަވައާއި ރޭޑިއޯ ތަމްސީލާއި މަޢުލޫމާތުގެ އުފާވެރިކަމުން ހިތްތަކަށް ތަސައްލީ ދިން ގާތްކަމެކެވެ. މިއީ ދިވެހި ވަޠަން ގައުމިއްޔަތުގެ ފުރާނައަށް އެތައް ވޭލާއެއް ވާން ދެން ފެންދެމުން އަންނަ ފެނާރެވެ. އެތައް ގޮތަކުން ގާއިމުވެ ދާއިމުވެފައިވާ ގުޅުންތަކެކެވެ. ސުވާލެއް އޮތްކަމެއް ނޫނެވެ. ރޭޑިޔޯގެ ޚިދުމަތަކީ އިތުބާރާއި ޔަގީންކަމުގެ ރޫހާއި ބާރާ އެކު ހިނގަމުން އަންނަ ވަރަށް ރީތި ފުރިހަމަ ގުޅުމެކެވެ.

މިއަދު ޕީއެސްއެމްގެ ކުޑަދަށުގައި 3 ރޭޑިއޯ ޗެނަލް އެބަ ހުއްޓެވެ. އާންމު ޚިދްމަތްދޭ ބްރޯޑްކާސްޓަރއެއް ގޮތުން، މިކުންފުނީގެ ހުރިހައި ވެސް މަޤްސަދަކީ ރައްޔިތުންނަށް ޚިދުމަތްކުރުމެވެ. އަންގައިދިނުމާއި މައުލޫމާތު ދިނުމާއި މުނިފޫހި ފިލުވާދިނުމެވެ. މި ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ހަވާލާދީ ބަރޯސާވަނީ ސައްހަ ކަށަވަރު މަސްދަރުތަކަށެވެ.

މިހާރު ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތައް ކަމަށްވާ ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމާއި ދީނުގެ އަޑުން 24 ގަޑިއިރު، ހަފުތާގެ ހުރިހާ ދުވަހެއްގައި ބްރޯޑްކާސްޓް ކުރެއެވެ. ގިނަ ޕްރޮގްރާމްތަކަކީ ވަގުތުން ގެނެސްދޭ ޕްރޮގްރާމްތަކެވެ. މިއީ ޕީއެސްއެމް ހޯދާފައިވާ ކާމިޔާބެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ފާއިތުވީ އަހަރުތަކުގައި ވާސިލުވެފައިވާ މުހިންމު މޭލުގާތަކެއް ކަމުގައި އަޅުގަނޑު ހެޔޮ ހިތުން ގަބޫލުކުރަމެވެ.

މިއަދު ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން މިދަނީ މީސްމީޑިއާގައި ވެސް ހަރަކާތްތެރިވަމުންނެވެ. ބޭނުމަކީ ރޭޑިއޯގެ އިތުރު ހިއްސާދާރުންނާއެކު މަސައްކަތް ކުރުމެވެ. އެހެންކަމުން ރޭޑިއޯއަކީ މިއަދު ހަމައެކަނި އަޑުއަހާލައިގެން ތިބެން ޖެހޭ ވަސީލަތެއްގެ ގޮތުގައި ނުވާނެއެވެ. އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ އޯޑިއަންސްގެ ބައިވެރިވުމާ އެކުއެވެ. މީގެ ސަބަބުން އެހުންތެރިންގެ އިތުބާރު ދިވެހިރާއްޖޭގެ އަޑަށާއި ދިވެހިއެފްއެމާއި ދީނުގެ އަޑަށް ކުރާކަން ފާހަގަ ކުރެވެއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ރޭޑިއޯގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި އުފާވެރި ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރިކުބާދީ ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމާއި ދީނުގެ އަޑުގެ ނަމުގައި އެންމެހައި އެހުންތެރިނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

ރޭޑިޔޯގެ ޚިދުމަތުގެ މައްޗަށް ކުރެވިފައި ހުރި ގިނަ ސަރވޭތަކުން ދައްކާ ގޮތުން އެންމެ ގިނަ މީހުން އިތުބާރު ކުރާ ވަސީލަތަކީ އަދިވެސް ރޭޑިއޯއެވެ. އެހުންތެރިންގެ އިތުބާރު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ރޭޑިއޯގެ އެހުންތެރިންނަށް ޚިދްމަތް ކުރަން ލިބުމަކީ އަޅުގަނޑުމެންނަށް ހަމަ ކޮންމެ ދުވަހަކު ލިބެމުން އަންނަ އުފަލެކެވެ. މިކަމަށްޓަކައި އަޅުގަނޑުމެން ﷲއަށް ހަމްދާއި ޝުކުރުކުރަމެވެ. އަދި މިގޮތުގައި މިގުޅުމާއި އިތުބާރު ދެމިި އޮތުން އެދި މާތްﷲއަށް ދުޢާކުރަމެވެ.

އެޑިޓަރުގެ ނޯޓް

އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.