ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ދިވެހިރާއްޖެ!


މިއީ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި ދިވެހިރާއްޖޭގެ ދައުރާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.





ދާދި ފަހަކާ ޖެހެންދެން ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޤައުމުތައް ބެލެވިފައި އޮތީ އަމިއްލަ ސިޔާސަތުތަކާއި އަމިއްލަ ބާރެއް ނެތް ބައެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ބައިނަލްއަޤުވާމީ މަޞްރަޙުގެ އޮއިވަރު ބަދަލުވެ، މިއަދު ކުދި ޤައުމުތަކަކީ ވެސް ބައިނަލްއަޤްވާމީ މަޞްރަޙުގައި ވިދަމުންދާ، އެބައިމީހުންގެ ޙައްޤުގައި ވަކާލާތުކޮށް، އެބައިމީހުންގެ ސިޔާސަތުތައް ދެމެހެއްޓުމުގެ ޤާބިލިއްޔަތާއި ކުޅަދާނަކަން ހުރި ބަޔަކަށް ވަނީ ވެފައެވެ. މިހެޔޮބަދަލުގެ އެންމެ ކުރީގައި އޮތް އެއް ޤައުމަކީ ދިވެހިރާއްޖެއެވެ.

މިހިނގާ 2023 ވަނަ އަހަރަށް އަލިވިލުނީ އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ތިން އަހަރުގެ ދައުރަކަށް ތިން ވަނަ ފަހަރަށް ދިވެހިރާއްޖެއިން ޙަވާލުވުމާއެކުގައެވެ. އަދި އެމަޖިލީހުގެ މިހިނގާ ދައުރުގެ ފުރަތަމަ އަހަރުގެ އެއް ނައިބު ރައީސަކަށް ދިވެހިރާއްޖެ އިންތިޚާބުވި ޚަބަރާއެކުއެވެ. މިއީ މިމަޖިލީހުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވި ދެވަނަފަހަރެވެ. އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލިހުގައި ހިމެނޭ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ، އެމަޖިލީހުގެ ނައިބު ރައީސްކަމަށް މިއަހަރު އިންތިޚާބު ވެގެން ދިޔަކަމީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ ޤައުމުތަކުން ބަލައިގެންފައިވާ މިންވަރު ހާމަކޮށްދޭ އަލިގަދަ އެއް ދަލީލެވެ. މިއީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ފަޚުރެކެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މަސައްކަތުގައި ދިވެހިރާއްޖެއިން ދަނީ 2006 ވަނަ އަހަރު މި މަޖިލީސް އުފެދުނީއްސުރެ އިސް ދައުރެއް އަދާކުރަމުންނެވެ. ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގެ ދިފާޢުގައާއި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެމަޖިލީހުގައި ދިވެހިރާއްޖެއިން ދިޔައީ ވަކާލާތު ކުރަމުންނެވެ. ހަމައެއާއެކު އިސްލާމީ ޤައުމުތަކަށް، ވަކީން ޚާއްސަކޮށް ފަލަސްޠީނުގެ ދިފާޢުގައިވެސް ދިޔައީ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން، އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ފަންޑެއް ޤާއިމުކުރުމަށްޓަކައި 2012 ވަނަ އަހަރު އެމަޖިލީހުން ފާސްކުރި ޤަރާރު ވުޖޫދަށް ގެނައުމުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކޮށްފައިވެއެވެ. މިފަންޑުގެ އެހީގައި ކުދި ޖަޒީރާ ޤައުމުތަކާއި އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 100 އަށް ވުރެ ގިނަ ޑިޕްލޮމެޓުން ވަނީ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސެޝަންތަކުގައި ބައިވެރިވެ، ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އެ މަޖިލީހުގައި އުފުލާފައެވެ.

ރާއްޖެއަކީ ޖެނީވާގައި ދާއިމީ މިޝަން ހުރި ކުދި ޖަޒީރާ ޤައުމުތަކުގެ ނުރަސްމީ ގްރޫޕްގެ ކޯޗެއަރއެވެ. އަދި 2019އިން ފެށިގެން އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ސެޝަންތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓެއް ރާއްޖެއިން އަންނަނީ ހުށަހަޅަމުންނެވެ. ހަމައެއާއެކު، ކުދި ޖަޖީރާ ޤައުމުތަކަށް އެހީތެރިވުމަށް މީގެ ކުރިން މަސައްކަތްކުރި "ފްރެންޑްސް އޮފް ސިޑްސް" ނަމަކަށްކިޔާ ނުރަސްމީ ގުރޫޕެއްގެ ރިޔާސަތުވެސް ވަނީ އޮސްޓްރޭލިޔާއާއި އެކު ބަލަހައްޓާފައެވެ. އަދި ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ކަށަވަރުވުމަކީ އިންސާނީ ޙައްޤެއްގެ ގޮތުގައި ބަލައިގަތުމަށްޓަކައި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ފާސްކުރި ޤަރާރު އެމަޖިލީހަށް ހުށަހެޅުމުގައި ވެސް ދިވެހިރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވެފައިވެއެވެ. މިއީ ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް ހޮވުނު ފުރަތަމަ ދައުރުގައި އެހެން ޤައުމުތަކާއެކު ފެށި މަސައްކަތުގެ ނަތީޖާއެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތައް ނުހަނު ގިނަ އެވެ. ނަމަވެސް، އުފެދޭ ސުވާލަކީ، މިމަސައްކަތްތަކުން، ދިވެހިރާއްޖެއަށް ލިބެނީ ކޮން މަންފާއެއްތޯ، މި ސުވާލެވެ.

ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދަނީ ދާޚިލީގޮތުން އެ ޤައުމެއްގައި އިސްކަންދޭން ބޭނުންވާ، ނުވަތަ އެ ޤައުމަކުން އިސްކަންދޭ ކަންތައްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ މަޞްރަޙުގައި ކުރިއަރުވަން ބޭނުންވާ ކަންތައްތަކަށެވެ. އިންސާނީ ޙައްޤުތަށް ޙިމާޔަތްކޮށް ކުރިއެރުވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަސާސެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު، ޤައުމާ މުޚާތަބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

"ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު. ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް. އިންޑިއާއާއި އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިވާ އަދި ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން".

މިކަމުން ދޭހަވެގެންދިޔައީ ރައީސް ޞާލިޙުގެ ސަރުކާރުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތެވެ. ބައިނަލްއަޤްވާމީ ޒިންމާތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާ އެއްގޮތަށް، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ކުރާނެކަމެވެ. ބައިނަލްއަޤްވާމީ މަޞްރަޙުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ޒިންމާދާރު ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެކަމެވެ.

އެގޮތުން، ދިވެހިރާއްޖެއިން ވަނީ އދ.ގެ ސްޕެޝަލް ޕްރޮސީޖަސް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދީފައިވާ ހުޅުވާލެވިފައިވާ ދަޢުވަތެއް އަލުން އިޢާދަކޮށްފައެވެ. 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 5 މެންޑޭޓް ހޯލްޑަރެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގެ ނަތީޖާއަކީ ތަފާތު ދާއިރާތަކުން އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ދިރާސާކޮށް، އަދި އެދާއިރާތަކުން އދ.ގެ ތެރެއިން ބޭނުންވާ އެހީތެރިކަން ހޯދުމަށް އިތުރަށް ފަސޭހަވެގެންދިއުމެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މެންބަރަކަށް ވުމަކީ ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަމަށް އ.ދ. ގެ ނިޒާމުގެ ތެރެއިން ވަކާލާތުކުރުމަށް ފުރުޞަތު ލިބި، އެކަންކަމަށް އެހެން ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމާއި، މިންތީގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލުމަކީ މި މަޖިލީހުގައި ރާއްޖެއިން ވަކާލާތުކުރާނެ ބައެއް ދާއިރާތަކެވެ.


މީގެ އިތުރުން، ދިވެހިރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތު އޮންނަ މުހިންމު މައްސަލަތައް އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެނެސް، އެމަޖިލީހުގެ ތެރެއިން މިމައްސަލަތަކަށް ޙައްލު ހޯދުމަށްވެސް މިކަމުގެ ސަބަބުން ފަސޭހަވެގެންދާނެއެވެ. އެގޮތުން ކުދި ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ކުދި ޤައުމުތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާ ކަންކަމެވެ.

އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރާ މައި ކައުންސިލު ކަމުން، އެމަޖިލީހުގެ މެމްބަރު ޤައުމެއްގެ ގޮތުގައި ހޮވި، އެ މަޖިލީހުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ބައިނަލްއަޤްވާމީ މަޞްރަޙުގައި ދިވެހިރާއްޖެއަށް ލިބިފައިވާ ޤަދަރު އިތުރަށް އުފުލި، ދިވެހިރާއްޖޭގެ ތަޞައްވުރު ރަނގަޅުކޮށްދީ، އ.ދ. ފަދަ ބައިނަލްއަޤްވާމީ މަޝްވަރާ މަޖިލީސްތަކުގައި ދިވެހިރާއްޖެއަކީ ބަސްވިކޭ ޤައުމެއްކަން ހާމަވެގެންދާނެ ކަމަކަށް ވާނެއެވެ. ބައިނަލްއަޤްވާމީ މަސްރަހުގައި ލިބޭ ރީތި ނަމަކީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލާ ސީދާ ގުޅިފައިވާ ކަންކަމެވެ. ޤައުމުތަކުގައި އިންވެސްޓްކުރުމުގައާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއާއި އެހެނިހެން އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އެންމެ އިސްކަންދޭ އެއް މިންގަނޑަކީ އެ ޤައުމެއްގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރެވިފައިވާ މިންވަރެވެ. އެ ޤައުމުތަކުން އިންސާނީ ޙައްޤުތަކުގެ މުޢާހަދާތަކަށް ޢަމަލުކުރާ މިންވަރެވެ. މިފަދަ މަޖިލިސްތަކުގައި ހަރަކާތްތެރިވާ މިންވަރެވެ. އަދި ހަރަކާތްތެރިވާ ގޮތެވެ.

އަދުގެ ދުނިޔެއަކީ ބަވަނަވެފައިވާ، އެއް ޤައުމު އަނެއް ޤައުމާ ގުޅި ލާމެހިފައިވާ ދުނިޔެއެކެވެ. އެއް ޤައުމެއްގައި ހިނގާ ކަމަކީ އަނެއް ޤައުމަކަށް އޭގެ އަސަރު ކޮންމެވެސް ސިފައެއްގައި ކުރާނެ ކަންކަމެވެ. ޚާއްޞަ ގޮތެއްގައި އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމަކީ އޭގެ ސަބަބުން ތަފާތު އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާނެ ކަންކަމެވެ.

މިފެށޭ ހަފުތާގައި އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ސެޝަން ފެށިގެންދާއިރު، މިފަހުގެ ތާރީޚެއްގައި ފެނިފައި ނުވާވަރަށް ބައިނަލްއަޤުވަމީ މަޝްރަހުގައި މިވަނީ ގޮންޖެހުން އިތުރުވެފައެވެ. ހަމައެއާއެކު އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދައުރު ވެސް މިދަނޑިވަޅުގައި މިވަނީ އިތުރަށް ފުޅާވެ، މުހިންމުވެފައެވެ. އެހެންކަމުން، މިދަނޑިވަޅުގައި ރާއްޖެއިން މިމަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމަކީ ދިވެހިރާއްޖެއާއި ދިވެހިންގެ މަޞްލަޙަތު ބައިނަލްއަޤުވާމީ މައިދާނުގައި ޙިމާޔަތްކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ރެގިއުލަރ ސެޝަނަށް މިދަނީ ދިވެހިރާއްޖެއާއި ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތުތައް ރައްކާތެރިކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އަޅުގަނޑުމެންގެ މިމަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށި! އާމީން.

އެޑިޓަރުގެ ނޯޓް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ޚާރިޖީ ދާއިރާއިން ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. މިނިސްޓަރ ޝާހިދު މިސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންނެވިފަހުން، ބޭރުގެ އެތައް ޤައުމަކާ މުޅިން އަލަށް ރާއްޖެއާ ގުޅުން ބަދަހިކުރައްވައި އެޤައުމުގެ އެހީތެރިކަން ރާއްޖެއަށް ހޯއްދަވައިދެއްވާފައިވެއެވެ. އަދި މިދިޔަ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ގުޅުން ހީނަރުވެފައިވާ ޤައުމުތަކާވެސް އަލުން ގުޅުން ބަދަހިކުރައްވައި ޚާރިޖީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވެއެވެ.