ޚަބަރު

ތަޢުލީމީ ދާއިރާއާ ނެގެހެއްޓުމުގައި ޔުނިސެފުގެ އެހީތެރިކަން ވަރަށް ބޮޑު: އެޑިއުކޭޝަން މިނިސްޓްރީ


ކޯވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް ތަޢުލީމީ ދާއިރާ ނެގެހެއްޓުމުގައި ޔުނިސެފް ގެ އެހީތެރިކަން ވަރަށް ބޮޑުކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޔުނިސެފުން ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމުގައިވެސް މިދަނޑިވަޅުގައި އެހީތެރިވަމުން ކަމަށެވެ.

ދިވެހިރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާ ގުޅިގެން ގިނަ ޤައުމުތަކުގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މިވަނީ ފަށާފައެވެ. މިކަމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ހުއްޓުމެއް ނެތި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށް ދިނުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށް ދެމުން ދާކަމަށެވެ.

އަދި މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން މިހާރުވެސް ކުރިއަށް އެބަގެންދާ ކަމުގައި އެމިނިސްޓްރީ ވިދާޅުވިއެވެ. މީގެއިތުރުން އުގަންނައި ދިނުމުގައި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޔުނިސެފުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމުގައި އެމިނިސްޓްރީން ވިދާޅުވިއެވެ.

މިގޮތުން ގޫގުލް ކްލާސްރޫމުގެ ބޭނުންކޮށްގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްޤީކުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ޔުނިސެފުން ކުރައްވަމުންދާކަން މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ.

ކޯވިޑް19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު ޓެލެކިލާސްތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުން އައި ދަތިތައް ހައްލުކޮށް ދެއްވުމުގެ ގޮތުން ޔުނިސެފުން، ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަން-އެންއައިއީގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމުކޮށްދެއްވައި، އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެއްވާފައި ވާކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޯވިޑް19ގެ މިހާލަތުގައި ސްކޫލްތައް އަލުން ހުޅުވައި ކިޔަވައިދޭން ފެށުމަށްޓަކައި ތައްޔާރު ވަމުން އަންނައިރު އެކަމުގައި ވެސް ޔުނިސެފުން އަންނަނީ އެހީތެރި ވެދެއްވަމުންނެވެ.

އެގޮތުން ދަރިވަރުންގެ ޢާންމު ސާފުތާހިރުކަން އިތުރުކުރުމަށްޓަކައި ސްކޫލްތަކަށް ސައިބޯނި ފޯރުކޮށް ދިނުމަށްޓަކައި ވެސް ޔުނިސެފުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން ސްކޫލްތައް އަލުން ހުޅުވާއިރު ކަރިކިއުލަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ޓޫލްސް ތައްޔާރުކޮށް ދިނުމުގައި ވެސް ޔުނިސެފުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ މަޢުލޫމާތުގެ ނިޒާމު (މީމިސް) ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޔުނިސެފުން އަންނަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން ކޮވިޑް19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ތަޢުލިމީދާއިރާ ކޮވިޑް19 އަށް އިޖާބަދީ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންސަލްޓެންޓެއް ހޯއްދަވައިދެއްވައި މި ޕްލޭން ފުރިހަމަ ކުރުމަށްޓަކައި ވެސް ޔުނިސެފުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އަދި ސްކޫލަށް ނުގޮސް ގޭގައި ތިބެން ޖެހުމާއި ކޯވިޑް 19ގެ ފުރަބަންދުގެ ހާލަތުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ވެސް ޔުނިސެފު އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އަދި މިއާއެކު ޅަފަތުގެ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ޚާއްސަކޮށްގެން މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ފޯރުކޮށް ދިނުމުގައި ވެސް ޔުނިސެފު އެހީވެފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު ނިޒާމު ނެގެހެއްޓުމަށްޓަކައި އަދި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ޙައްސާސީ ވަގުތުގައި ޔުނިސެފުގެ އެންމެހައި ވެރިން، ޚާއްޞަކޮށް ޔުނިސެފްގެ ދިވެހިރާއްޖޭގެ ގޮފީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަކީ މިނިސްޓްރީއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.