ޚަބަރު

އައްޑޫ ސިޓީގެ ފިހާރަތަކުން ޑެލިވަރީގެ ޙިދުމަތް ދެވޭނީ ދުވާލު އެކަނި


އައްޑޫސިޓީގައި ވިޔަފާރި އަދި ޑެލިވަރީ ޙިދުމަތް ހަވީރު 6:00ގެ ފަހުން ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، އައްޑޫގައި ވިޔަފާރިކުރުމާއި ޑެލިވަރީގެ ޙިދުމަތް ދިނުމަށް ފިހާރަތަށް ހުޅުވައިގެން ޙިދުމަތް ދެވޭނީ ހެނދުނު 6:00 އިން ހަވީރު 6:00 އާ ހަމައަށެވެ. އަދި މިވަގުތުގެ ފަހުން ޑެލިވަރީގެ ޙިދުމަތްވެސް ނުދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން އައްޑޫގެ ވިޔަފާރި ގަޑިތަކަށް ބަދަލު ގެނައި 3 ވަނަ ފަހަރެވެ. މީގެ ކުރީން ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ހަވީރު 6:00ގެ ފަހުން ފިހާރައަށް ގޮސް ވިޔަފާރި ކުރުން މަނާވި ނަމަވެސް، ޑެލިވަރީ ޙިދުމަތް ދެވެއެވެ. ނަމަވެސް މިބަދަލާއެކު ހަވީރު 6:00ގެ ފަހުން ޑެލިވަރީ ޙިދުމަތްވެސް ނުދެވޭނެއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، އައްޑޫގެ ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައި ކަމުގައި ވީނަމަވެސް، ރެސްޓޯރެންޓުތަކުން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 10:00 ހަމައަށް ޙިދުމަތް ދެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އައްޑޫގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ތަންތަނުގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރުމުގައި އާއި ޙިދުމަތް ލިބިގަތުމުގައި ތައްޔާރު ކޮށްފައިވާ ގައިޑްލައިން ތަކަށް އަމަލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.