ޚަބަރު

ވަޒީފާނެތް މީހުންނަށް އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ވަޒީފާ ނެތް ޒުވާނުންނަށް ބޭރުގެ އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ކުރި އިޢުލާނެއްގައި ބުނީ ވަޒީފާ ގެއްލިފައިވާ ފަަރާތްތަކަށް އެހީވުމުގެ ގޮތުން ކޮމަންވެލްތު އޮފް ލާނިން (ކޮލް) އިން އެކި ދާއިރާތަކުން އޮންލައިން ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް 50 ޖާގަ ދީފަައިވާ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި 200 ޔުނިވަރސިޓީއެއްގައި އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ކޯސް ހިންގާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ގިނަ ގައުމުތަކަށް އެ ފުރުސަތު ދީފައިވާއިރު ރާއްޖޭގެ 50 ޖާގަ ހޮވަނީ ފުރިހަމަ ކޮށްފައިވާ ޑޮކިއުމަންޓުތަކާއެކު އެންމެ ފުރަތަމަ ހުށަހަޅާ 50 ފޯމަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމަހަމަކޮށް 25 އަަންހެނުންނަށާއި 25 ފިރިހެނުންނަށެވެ.

އުމުރުން 18 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ މި ކޯހަށް ބޭނުންވާ އިންޓަނެޓުގެ ޚިދުމަތް ވެސް ދެނީ ޔޫތު މިނިސްޓްރީންނެވެ. ކޯސް ކުރިއަަށް ގެންްދަަނީ މި އަހަރުގެ ސެޕްްޓެމްބަރު 30 އިން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ މީހުން މިމަހުގެ 14 ގެ ކުރިން ޔޫތު މިނިސްޓްރީއަށް ފޯމް ހުށައަޅަން ޖެހެއެވެ.

ކޯވިޑް 19 ގެ ސަބަބުން ވަޒީފާ ގެއްލުމުގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ގާތްގަނޑަށް 1300 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.