ވިޔަފާރި

އެރޭބިއަން ޓްރެވެލް މާކެޓްގައި ވަރޗުއަލްކޮށް ރާއްޖެއިން ބައިވެރިވެއްޖެ


އެރޭބިއަން ޓްރެވެލް މާކެޓް، އޭޓީއެމްގައި ދިވެހިރާއްޖެއިން ވަރޗުއަލްކޮށް ބައިވެރިވެއްޖެއެވެ.
މި ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މައި އެޖެންސީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީންނެވެ.

މިމަހުގެ 1 އިން 3 ގެ ނިޔަލަށް ކުރިއަށްދާ އޭޓީއެމް ފެއަރގައި އަލިއަޅުވާލަނީ ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށެވެ. އޭޓީއެމް ވާޗުއަލްކޮށް ކުރިއަށްގެންދަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެއްސި އޭޓީއެމް ފެއަރ ފަސްވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ގުޅުވައިދިނުމުގެ ގޮތުންނެވެ.

އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ވަނީ މި ވަރޗުއަލް ފެއަރގައި ބައިވެރިވެފައެވެ. އެހެން ފެއަރތަކާއި އެއްގޮތަށް ވަރޗުއަލްކޮށް ބާއްވާ މި ފެއަރގައިވެސް ދުނިޔޭގެ އެކި އެގްޒިބިޓަރުންނާއި ޒިޔާރަތްކުރާ މީހުންނާއި ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ފެއަރގައި އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައިވެރިންނާއި ބައްދަލުކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން ހުށައަޅާ ލައިވް ވެބިނަރތަކުގައި ބައިވެރިވާނެއެވެ. އަންނަ މަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު މި އިވެންޓްގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށްގެންދާނެގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި އިވެންޓުން ލިބޭ މައުލޫމާތުތައް ފަތުރުވެރިކަމާއިގުޅޭ ގައިޑްލައިންތައް ތައްޔާރުކޮށް ދިވެހިރާއްޖެ އެންމެ އެކަށީގެންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ބޭނުންކުރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

2019 ވަނަ އަހަރު މެދުއިރުމަތިން ރާއްޖެއަށް 60000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް ހީނަރުކަމެއް އައިނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު މެދުއިރުމަތިން އައި ފަތުރުވެރިންގެ އަދަދު ވަނީ %73.7 އިތުރުވެފައެވެ.