އިޤްތިޞާދަށް އަތުވެދާނެ ކޮންމެފަދަ ލޮޅުމަކަށްވެސް ވިޔަފާރިތައް ތައްޔާރުވުމުގެ މުހިއްމުކަން ކޯވިޑްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށް ކްރައުން ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ސަލީމް ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ހާލަތުގައި ކުންފުނިތައް ހިންގުމާ ގުޅޭގޮތުން އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ވެބިނާރއެއްގައި ވާހަކަފުޅުދައްކަވަމުން ބެންކިންގ ފައިނޭންސް، ހޮސްޕިޓާލިޓީ އަދި ހެލްތު ކެއަރ ސިނާއަތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް ސަލީމް ވިދާޅުވީ ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަސަރެއްކުރާއިރު، ރާއްޖެފަދަ އާމްދަނީ ލިބޭ ވަޞީލަތްތައް މަދު ޤައުމަކަށް އެކަމުން ކުރާނެ އަސަރު މާބޮޑުވާނެކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު 20 – 25 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑްއަށްފަހު އަލުން އިޤްތިޞާދީ ހަރަކާތްތައް ފަށަން ތައްޔާރުވާއިރު، ކުންފުނިތަކަށް ފުރިހަމަ ފައިދާ ނެގޭނެ ގޮތަކަށް މަސައްކަތްކުރަންޖެހޭކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ.
ޗާޓާޑް އެކައުންޓަންޓެއްގެ އިތުރުން، ކޮމާޝަލް ބެންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވާ އާދަމް ސަލީމް ވިދާޅުވީ ރާއްޖޭގެ ބެންކިންގ އަދި ފައިނޭންސް ދާއިރާއަކީވެސް ކުރިއަރަމުން އަންނަ ދާއިރާތަކެއްކަމަށެވެ. ކޯވިޑްގެ ސަބަބުން އެ ސިނާއަތަށްވެސް އަސަރުކުރާނެކަން ފާހަގަކުރައްވަމުން އާދަމް ސަލީމް ވިދާޅުވީ ބެންކުތަކަށާއި ވިޔަފާރިތަކަށް ދިމާވާ ކޭޝްފްލޯގެ ދަތިތައް ހައްލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.
"އެމްއެމްއޭއިން ރެގިއުލޭޓްކުރާ މުއައްސަސާތަކަށް އެހީތެރިވެވޭނެ ގޮތްތަކާއި ލުއި ދެވޭނެ ގޮތްތައް އެމްއެމްއޭއިން ހޯދަންޖެހޭ.ޑިޖިޓަލް ޕްލެޓްފޯމްތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވާން އެބަޖެހޭ. އެއްތަނުން އަނެއްތަނެއް ފައިސާ ފޮނުވުން ފަސޭޙަވާން އެބަޖެހޭ. އިޤްތިޞާދު އަލުން ފަށާއިރު ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ބެންކިންގ ނިޒާމުގެ ތެރެއިން ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހެންޖެހޭ" އާދަމް ސަލީމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވަމުން ރިސޯޓް ވިޔަފާރީގައި ހަރަކާތްތެރިވެވަޑައިގަންނަވާ އާދަމް ސަލީމް ވިދާޅުވީ، ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ރާއްޖެއަށް އަންނަން ބޭނުންވާ ކިތަންމެ ފަތުރުވެރިންނެއް ތިއްބަސް ލޮކްޑައުންއާއި ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ހައްލުތަކެއް ގެނެވިގެން ނޫނީ ފަތުރުވެރިންގެ އަދަދު އިތުރު ނުކުރެވޭނޭކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ.
"ސީޝެލްސްއާއި މޮރީޝަސް ފަތުރުވެރިންނަށް ހުޅުވާލައިފި. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭކަމެއް. އަލުން ރިސޯޓްތައް ހުޅުވަން މަސައްކަތްކުރާއިރު އަދިވެސް އެންމެ މުހިއްމުކަމަކީ ރާއްޖޭގެ ފަތުރުވެރިން މާކެޓްކުރުން. ރާއްޖެއަށް ފަތުރުވެރިން އަންނަ ވަރުގަދަ މާކެޓްތަކާއެކު އޮންނަ ގުޅުން ދެމެހެއްޓުން. ރިސޯޓްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސް "ފްރެޝް ލުކް"އެއް ދައްކަންޖެހޭ. ހަމައެއާއެކު ތަޖުރިބާކާރު ޤާބިލް މުވައްޒަފުންނަކީވެސް އަލުން ފަތުރުވެރިކަން ފަށާއިރު މުހިއްމު ދައުރެއް އަދާކުރާނެ ބައެއް" ގިނަ ރިސޯޓްތަކެއް ހިންގާ ކްރައުން ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް ސަލީމް ވިދާޅުވިއެވެ.
ހެލްތު ކެއަރ ވިޔަފާރިއަށް އަލި އަޅުއްވާލައްވަމުން ޓްރީޓޮޕް ހޮސްޕިޓަލް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާ އާދަމް ސަލީމް ވިދާޅުވީ ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު ސިއްޙީ ދާއިރާގެ ފަންނީ ލަފާ ވަރަށް މުހިއްމުކަމަށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޞިއްޙީ މާހިރުންގެ ދައުރު ބޮޑުވާނެކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ.
"ރިސޯޓްތައް އަލުން ހުޅުވާއިރު ޞިއްހީ ތަޖުރިބާކާރުންގެ ލަފާ ކޮންމެހެންވެސް ބޭނުންވާނެ. ގެސްޓުންގެ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތަކާއި ސޯޝަލް ޑިސްޓަންސިންގ އަދި ރިސޯޓްތަކުގެ ބުފޭ ތައްޔާރުކުރުން ފަދަ ކަންކަމުގައި ޞިއްހީ ތަޖުރިބާކާރުންގެ ލަފާ ވަރަށް މުހިއްމުވާނެ" ކޯވިޑްއަށްފަހު ހެލްތު ސެކްޓަރއަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އާދަމް ވިދާޅުވިއެވެ.
އާދަމް ސަލީމް ފާހަގަކުރެއްވި ގޮތުގައި އިޤްތިޞާދަށް އަތުވެދާނެ ކޮންމެފަދަ ލޮޅުމަކަށްވެސް ވިޔަފާރިތަކުން ތައްޔާރުވެ ތިބުމުގެ މުހިއްމުކަން ކޯވިޑްގެ ތެރެއިން އެނގިގެން ހިނގައްޖެކަމަށެވެ. އަދި މިފަދަ ބޮޑުކަމެއް ކުރިމަތިވިޔަސް އޭގެ އަސަރު ނުކުރާނެ ގޮތަކަށް ކަންކަން ރޭވުމުގެ މުހިއްމުކަން އާދަމް ސަލީމް ފާހަގަކުރެއްވިއެވެ. އެގޮތުން ބޮޑު ކަމެއް ދިމާވާ ދަނޑިވަޅަކަށް ބޭނުންވާ ފައިސާ ކުންފުނިތަކުން ރައްކާކުރުން ނުވަތަ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ވިޔަފާރިތައް ހިމާޔަތްކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް އާދަމް ސަލީމް ވިދާޅުވިއެވެ.
"މައިކްރޯސޮފްޓްގެ ސީއީއޯގެ މަޤާމުގައި ބިލް ގޭޓްސް ހުންނެވިއިރު ނޫސްވެރިޔަކު އޭނާއާ ސުވާލުކުރެއްވި ކުންފުނީގެ ބެލެންސް ޝީޓުން އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަނީ ކީއްވެތޯ. ބިލް ގޭޓްސް ބުނީ އެއީ އޭނާގެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއް އަހަރުދުވަހުގެ މުސާރައޭ. އޭރުން ކުންފުންޏަށް ކޮންމެފަދަ ހާލަތެއް ދިމާވިޔަސް އަހަރެއް ވަންދެން މުވައްޒަފުންނަށް މުސާރަ ދެވޭވަރަށް ފައިސާ ހުންނާނެކަން ޔަޤީންވާނެ ނޫންހޭ" އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކަށް ވިޔަފާރިތަކާއި ސަރުކާރުން ތައްޔާރުވެވިދާނެ ގޮތުގެ މިސާލެއް ދައްކަވަމުން އާދަމް ސަލީމް ވިދާޅުވިއެވެ.