ވިޔަފާރި

ކޯވިޑް19އިން އަރައިގަތުމަށް ކުރާ މަސައްކަތަށް 892.3 މިލިއަން ރުފިޔާ ޚަރަދުކޮށްފި


ކޯވިޑް19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްްކަތަށް މިހާތަނަށް 892.3 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "ވީކްލީ ކޯވިޑް19 ސްޕެންޑިންގ ރިޕޯޓް" ގައިވާގޮތުން 28 މޭގެ ނިޔަލަށް ދިވެހި ސަރުކާރުން ކޯވިޑް19 ގެ އެކިއެކި ކަންކަމަށް ޖުމްލަ 892.3 މިލިއަން ވަނީ ޙަރަދުކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާއި އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ.

މި ރިޕޯޓުން ދައްކާގޮތުން ފާއިތުވެދިޔަ ހަފްތާގައި އެންމެ ބޮޑު ޙަރަދެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީގެ މަސައްކަތްތަކަށެވެ. އެގޮތުން އެންޑީއެމްއޭގެ މަސައްކަތްތަކަށް ޖުމްލަ 584.4 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ. 2 ވަނައަށް އެންމެ ބޮޑު ޙޭދައެއް ކޮށްފައިވަނީ ހެލްތް މިނިސްޓްރީއަށެވެ. އެއީ ޖުމްލަ 141.1 މިލިއަން ރުފިޔާއެވެ. 84.1 މިލިއަން ރުފިޔާއާއިއެކު 3 ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އެންޑީއެމްއޭއަށް ޙަރަދުކުރި ފައިސާގެ އެއްބައި ޙަރަދުކޮށްފައިވަނީ ސިއްހީ އެކިއެކި ސާމާނު ގަތުމަށްކަމަށެވެ. އޭގެތެރޭގައި ޓެސްޓު ކިޓާއި ޕީޕީއީއާއި، ވެންޓިލޭޓަރުތައް ފަދަ ތަކެތި ގަތުން ހިމެނެއެވެ.

ކޯވިޑް19 އިން ރައްކާތެރިވުމަށް ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައްވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ.