އާމްދަނީ ދަށްވުމާއި ގުޅިގެން ނުވަތަ އާމްދަނީ ނުލިބޭތީ ކުލި ދެއްކޭނެ ގޮތެއްނެތިގެން އެނބުރި ރަށަށް ދެވޭނެގޮތް ހަދައިދިނުމަށް ބައެއް ފަރާތްތަކުން ޖެންޑާ މިނިސްޓްރީގައި އެދެމުންދާކަމުގައި އެމިނިސްޓްރީން ބުނެފިއެވެ.
ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ކުލި ނުދެއްކިގެން އެހީތެރިކަމަށް އެދޭ ފަރާތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް، ކުލި ނުދެއްކިގެން 220 ފަރާތަކުން އެހީތެރިކަމަށް އެދިފައިވާ ކަމުގައި ޔުމްނާ ވިދާޅުވިއެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ޔުމްނާ ވިދާޅުވީ، ނިމުނު ހަފްތާގައި އެކަނިވެސް ކުލި ނުދެއްކިގެން 41 ފަރާތަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި ކުލި ނުދެއްކިގެން ނުވަތަ ދިރިއުޅޭތަނުން ނުކުންނަން ޖެހިގެން އެހީތެރިކަމަށް އެދެމުންދާ ފަރާތްތަކުގެ އަދަދުތައް އިތުރުވަމުން އަންނަ ކަމުގައިވެސް ޔުމްނާ ވިދާޅުވިއެވެ.
"ހަގީގަތުގަިއ މީވަރަށް ބޮޑު އިމާޖިންގ އިޝޫއަކަށް ވަރަށްބޮޑަށް އެބަ ފާހަގަ ކުރެވޭ. އެއީދެން އިޤުތިޞާދަށް މިއަންނަ ލޮޅުމާއި، ވަޒީފާގެ ކަންކަމަށް މިއަންނަ ބަދަލުގެ ސަބަބުން، އާއިލާތައް މެނޭޖު ކުރުމަށް ވަރަށް ދަތިވެގެން އެބަދޭ. އާއިލާގައި ފައިސާ ހޯދާ ފަރާތަށް ޖޮބް ސެކިއުރެޓީ ނެތްކަމަށް ވަންޏާ. އަޅުގަނޑުމެންނާއި ހަމައަށް މިފަރާތްތައް މިއަންނަނީ މިހާރު މާލޭގައި ކުއްޔަށޭ ތިމަންނަމެން މިއުޅެނީ. އެކަމަކު މިހާލަތުގައި ނެތޭ އަޅުގަނޑުމެންނަކަށް ނެތޭ އިތުރަށް އެފޯދް ކުރެވޭކަށެއް. އެހެންވިމާ ތިމަންނަމެން ރަށަށް ފޮނުވައިދޭށޭ" ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ ކުލި ނުދެއްކިގެން އެނބުރިރަށަށް ދިޔުމަށް އަތޮޅުތަކުގެ ރައްޔިތުން އެދޭ އިރު މާލޭގެ ރަށްވެހީންވެސް އެހީތެރިކަމަށް އެދެމުން ދާކަމަށެވެ.
ޔުމްނާ ވިދާޅުވީ، ވިދާޅުވީ، މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުގެ ތެރެއިން ކުލި ނުދެއްކިގެން އުޅޭތަނުން ނުކުންނަން ޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވެމުންދާ ކަމަށެވެ. މިގޮތުން އެފަދަ ފަރާތްތައް ހުޅުމާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ޔުމްނާ ވިދާޅުވީ، އަތޮޅުތަކަށް ދިޔުމަށް 5000 ވުރެ ގިނަ ފަރާތްތަކުން އެދިފައިވާއިރު، މިހާތަނަށް 2711 މީހުން ރަށަށް ފޮނުވައި ދެވިފައިވާ ކަމަށެވެ. މިގޮތުން ރަށަށްދާން ބޭނުންވާ މީހުންގެ ގެންގޮސްދިނުމުގެ ދަތުރުފަތުރާއި ލޮޖިސްޓީކް އެހެންކަން ހަމަޖައްސައިދެމުން ދަނީ އެމްއެންޑީއެފުންނެވެ.