ޚަބަރު

ކަޅުބިލަމަހުގެ ވިޔަފާރި ކުރުން ޢާންމުކޮށް ހުޅުވާލައިފި

މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ ވިޔަފާރި މާދަމާއިން ފެށިގެން ޢާންމުކޮށް ހުޅުވާލައިފާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ކަޅުބިލަ މަހުގެ ވިޔަފާރި ކުރުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމުގެދަށުން އެ ހުއްދަ މިހާތަނަށް ދީފައި އޮތީ 4 ކުންފުންޏަކަށެވެ.

ނަމަވެސް އަލަށް ޢަމަލުކުރަން ފެށި މަސްވެރިކަމާއި ބެހޭ ޤާނޫނުގައި ވަނީ ކަޅުބިލަމަސް ގަނެ އެމަހުގެ 50 އިންސައްތަ ރާއްޖޭގައި ޕްރޮސެސްކުރުމަށް އެއްބަސްވާ ކޮންމެ ފަރާތަަށް އެ ވިޔަފާރިކުރުމުގެ ހުއްދަ ހުޅުވާލެވޭނެކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހައްދަވަންޖެހޭ ޤަވާއިދުތައް ފިޝަރީޒް މިނިސްޓްރީން ހައްދަވާފައިނުވާކަމަށް ތުހުމަތުކުރައްވާ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ފޮނުވާފައިވާ ސިޓީ ފުޅެއްގައިވަނީ ކަޅުބިލަމަހުގެ ވިޔަފާރި ޢާންމުކޮށް ހުޅުވާލުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މިގޮތުން ދައުލަތުން ކަޅުބިލަ މަހުގެ ވިޔަފަރި ކުރުމަށް އެއްބަސްވެފައިވާ 4 ކުންފުނީގެ ތެރެއިން 3 ކުންފުންޏަކަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް 30 ދުވަހުގެ ނޯޓިސްދީ، އެ ނޯޓިސްގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށާއި، އެ ނޯޓިސްއާއި އެއްގޮތަށް މަސައްކަތްތައް ފުރިހަމަކޮށްފައިނުވާ ކުންފުނިތަކުގެ އެއްބަސްވުން ބާޠިލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރުގ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އަދި އެކުންފުނިތަކަށް ދީފައިވާ އެކްސްކުލޫސިވް ރައިޓްސްއާއި ގުޅޭގޮތުން ބަންޑާރަ ނާއިބާއި މަޝްވަރާކޮށް، އެފަދަ އެކްސްކުލޫސިވް ޙައްޤެއް އެ ކުންފުނިތަކަށް ނުދެވޭނެކަން ބަންޑާރަ ނާއިބު ލަފާދެއްވާފައިވާކަމަށާއި، އެހެންކަމުން ކަޅުބިލަ މަސްވެރިކަމުގައި ބާނާ މަސް ޢާންމުކޮށް ގަތުމަށް ހުޅުވާލުމަށް މިހާރު ހުރަހެއްނެތުމުން މިއީ ޢާންމުކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއްކަމަށްވެސް ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މި ސިޓީފުޅާގުޅޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކަޅުބިލަމހުގެ ވިޔަފާރި ޢާންމުކޮށް ހުޅުވާލުމަކީ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ވަރަށް ގިނަބަޔަކު ބޭނުންވެފައިވާކަމެއްކަމަށެވެ.

"ކަޅުބިލަ މަސް ރޮލާ ނުވަތަ ޕްރޮސެސްކޮށް 3 ޓަނަށް ވުރެ ގިނައަކުން އެއްވެސް ބަޔަކަށް ނުވިއްކޭ. ސަރުކާރުން ހުއްދަދީފައިވާކުންފުނިތައް ފިޔަވާ. މަސްވެރިކަމާ ބެހޭ ޤާނޫނުގައި ތިޔަ އިއްޒަތްތެރި މެންބަރުން ނިންމެވީ އެ އުސޫލު ދޫކޮށްލާ ގަންނަ މަހުގެ 50 ޕަސެންޓް ރާއްޖޭގައި ޕްރޮސެސްކުރުމަށް އެއްބަސްވާ ކޮންމެ ފަރާތަކަށް ކަޅުބިލަ މަސް ގަނެ ބޭރުކުރުމުގެ ހުއްދަ ޢާންމުކުރުމަށް. މިއަދާއި ހަމައަށްވެސް އެކަން އޮތީ ނުވެ. ކުރިން ހީކުރީ އެއީ އެކްސްކްލސިން އެގްރިމަންޓް އުވާނުލެވިކަމަށް. އެހެންކަމުން މި އެނގެނީ މާދަމާއިނ ފެށިގެން މި ވިޔަފާރި މިހާރު ހުޅުވާލެވިފައިވާކަމަށް. މި ފުރުޞަތުގެ ބޭނުންވީހާވެސް ގިނަބަޔަކު ހިފުމަށް"

ކަޅުބިލަ މަސް ގަނެ ވިއްކުމުގެ ހުއްދަ ކުރިން ސަރުކަރުން ދީފައިވަ ހަތަރު ކުންފުންޏަކީ 'އައިލެންޑް އެންޓަރޕްރައިސަސް ލިމިޓެޑް' އާއި 'އިކޯ ފިޝަރީސް އިންޓަރނޝަނަލް ޕްރައިވެޓް ލިމިޓެޑްއާއި، އައިއޯއެފް ކޯޕަރޭޝަންއައި ހޮރައިޒަން ފިޝަރީޒް ފިޝާރީޒް ޕްރައިވެޓް ލިމިޓެޑެވެ.