ވިޔަފާރި

މީރާއަށް ޖުލައިމަހު އާމްދަނީގެގޮތުގައި 1.59ބިލިއަން ރުފިޔާ ލިބުން


މޯލްޑިވްސް އިންލެންޑް އޮތޯރިޓީ މީރާއަށް މިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި 1.59 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ޖުލައި މަހު އާމުދަނީގެ ގޮތުގައި 1.59 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު 15.8 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އެކަމަކު މިއީ ޖުލައި މަހު ލިބޭނެ ކަމަށް މީރާ އިން ލަފާ ކުރި އަދަދަށް ވުރެ 6.5 އިންސައްތަ މަދު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ. ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވެފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީ ދައްކަން ޖެހޭ ސުންގަޑި މި މަހުގެ ދެވަނަ ދުވަހަށް އިތުރު ކުރުމުން ކަމަށާއި ސުންގަޑިއަށް ބަދަލު ގެންނަން ޖެހުނީ ޖުލައި މަހުގެ 31 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ.މީރާ އިން ބުނީ މިއަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 12 އިންސައްތަ ބޮޑުކުރުމާއި ގުޅިގެން ކަމަށެވެ.މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. ބީޕީޓީގެ ގޮތުގައި 575.9 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ ޖީއެސްޓީގެ ގޮތުގައެވެ. ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައެވެ.މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 8.44 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަންވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.