ޚަބަރު

ބަސް ކުރިއަރުވަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން - މިނިސްޓަރ


ދިވެހި ބަހާއި ރައްޓެހި ޓެކްނޮލޮޖީ އުފައްދައި، އަދަބިއްޔާތުގެ އާ ޖޯޝާއި ރޯޝަނީ ދުވަސްތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ 30 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ރޭ  ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ދިވެހި ބަހުން އަޅުގަނޑުމެން ވާހަކަ ދައްކާ ދެއްކުން ވެގެން ގޮސްފައިވަނީ، ހުރިހާ ދިވެހިންވެސް އެއްބައެއްގެ ގޮތުގައި ގުޅިފައިވާކަމުގެ އެއް އަސްލަށް ކަމަށާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލު ތަކާއެކު ސަރުކާރުން މިހާރު ބަސްކުރިއަރުވަން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިމަސައްކަތުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ތެރެއިންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަން މިނިސްޓަރ އުމަރު ނަސިރު ފާހަގަކުރެއްވިއެވެ. 

" އަޅުގަނޑުގެ އެދުމަކީ ދިވެހި ބަހުގެ އެކަޑެމީން މިކަމާދޭތެރޭ ވިސްނަވާ، ވީހާވެސް ބޮޑަކަށް މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން ބަހުގެ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރުން" މިނިސްޓަރ އުމަރު ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް އިންތިޒާމް ކުރާ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ރާއްޖޭގެ އިޖްތިމާއި، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާއިން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ވިދާލަފައިވާ ޝަޚްސިއްޔަތު ތަކުގެތެރޭގައި ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ފެނިގެންދިޔަ މޫނުތައް ފާހަގަކުރެއްވޭކަމަށެވެ. ދިވެހި ބަސް ބާރުވެރި ކުރުވުމަށްޓަކައި ދިވެހިބަސް ތަރައްގީވާންޖެހޭ ކަމަށާއި މިކަމުގައި ދިވެހި ފަންނުވެރިންގެ އެހީ ބޭނުންވާކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ އަކުރަށްވުރެ މާ އުނދަނގޫ އަކުރުތައް މިހިރަ ފެންނަ ސިންގަޅަ އަކުރާއި، އަރަބި އަކުރާއި، އަދި ޗައިނާ އަކުރު ފަދަ އަކުރުތަކަކީ. އެކަމަކު ކިތަންމެ އެދާއިރާ ފުޅާވެގެން ކޮމްޕިއުޓަރުތެރޭ ދިޔަސް އެއަށް އެކަށޭނަ ޓެކްނޮލޮޖީ އެމީހުން ހޯދާ. އެހެންވީމަ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރައްވާ ޒުވާނުންނަށް އަޅުގަނޑުގެ ގޮވާލުމަކީ، އިލްތިމާސްއަކީ މަޑުން ނުތިއްބަވާ، ޤައުމާ އަމިއްލަވަންތަކަން ދިރުވުމަށް ބަހަށް ޚިދުމަތްކުރައްވާށޭ. މިހާރަށްވުރެ ބޮޑަށް ތިބޭފުޅުންގެ ޚިދުމަތް ޤައުމީ ބަހަށް ބޭނުންވޭ" އަޝްރަފް ވިދާޅުވިއެވެ.

އައްޑު އަތޮޅު ހިތަދޫ ސްކޫލާއެކު މާލޭގެ 12 ސްކޫލަކުން ދެއުމުރުފުރާއަކުން ބައިވެރިވި މިފަހަރުގެ ވާހަކަ ދެއްކުމުގެ މުބާރާތުގައި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ބައި ހިމެނޭ ގޮތަށް އެކި އުމުރުފުރާތަކުގެ ޖުމުލަ 149 ބައިވެރިން ވާދަކުރެއެވެ.